ޚަބަރު

"ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ރަސްމީކޮށް އަދި ރާއްޖެއަކަށް ނުލިބޭ"


ކޯވިޑް-19އާ ގުޅިގެން މިހާރު އޮތް ޚާއްސަ ޙާލަތުގައި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ރަސްމީކޮށް އަދި ނުލިބޭކަމަށާ، އެހުއްދަ ލިބުމުން އެކަމުގެ އުޞޫލްތައް ޢުމްރާ ގުރޫޕްތަކަށް އަންގަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން އެހެން ޤައުމުތަކުން ޢުމްރާއަށް މީހުން ދިއުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން މަނާކޮށްފައި އޮތުމަށްފަހު މަދާމާއިން ފެށިގެން އުމްރާއަށް ދިއުމަށް ހުޅުވާލަން އެޤައުމުން ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އުމުރާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލިނަމަވެސް އެކަން ރަސްމީކޮށް ރާއްޖެއަށް އަންގާފައި ނުވާކަމަށެވެ. އަދި ރަސްމީކޮށް އެކަން އެންގުމުން ކުންފުނިތަކަށް އެކަމުގެ ގައިޑްލައިންތައް ހިއްސާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޑިސެމްބަރު ޢުމްރާއަށް މީހުން ގެންދިޔުމަށްޓަކައި އަދި އެއްވެސް ކުންފުންޏަކުން އެދިފައި ނުވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ދާދިފަހުންވަނީ ރާއްޖެއިން ޢުމުރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެމުއްދަތު އިތުރުކޮށް އިތުރު ކުންފުނިތަކަށް ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކޮށްދީފައިވަނީ "ދިވެހިރާއްޖެއިން ޢުމުރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު"ގެ ދަށުން 2 އަހަރުދުވަހަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަކަށެވެ. އެގޮތުން އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހަށް އިތުރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި އުޞުލާއެކު ޖުމުލަ 31 ކުންފުންޏަކަށް ޢުމުރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް މަދާމާއިން ފެށިގެން އުމްރާއަށް ހުޅުވާލާއިރު މިއީ ކޯވިޑުން ރައްކާތެރިވުމަށް ޙަރަމްފުޅު ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު ޤައުމުން ބޭރުން އަންނަ މީހުންނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް ހުޅުވާލުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާއްމުކޮށް އުމްރާއަށް ހުޅުވާލި ނަމަވެސް އުމްރާއަށް އެޤައުމަށް ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށްކަމަށެވެ.

އުމްރާއަށް ދާ މީހުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ. އަދި އުމްރާއަށް ދެވޭނީ އެމީހެއްގެ ޤައުމުން އެމީހެއްގެ ގައިގައި ކޯވިޑް-19 ނެތްކަން އަންގައިދޭ ޕީސީއާރު ޓެސްޓް ސެޓިފިކެޓެއް ހުށަހެޅުމުންނެވެ. އަދި މި ޓެސްޓަކީ 72 ގަޑިއިރު ނުވާ ޓެސްޓަކަށް ވާންޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް އަންނަ މީހުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތައް ވަނުމަށް ރިޒަވޭޝަން ހައްދަންޖެހޭނެކަމަށާއި ސައުދީން ފުރާނެ ތާރީހުވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. މީގެއިތުރުން އުމްރާއަށް އަންނަ މީހުންގެ ވަކި ޕްރޮގްރާމެއް ކަނޑައެޅި އެކަންވެސް ލިޔުމުން ހުށައަޅަންޖެހެއެވެ.

އުމްރާއަށް އެތެރެވާ ހުއްދަ ދޭނީ ސައުދީ ސަރުކާރުން ކަނޑައަޅާ ވަކި ޤައުމުތަކަށެވެ. އަދި ހުއްދަދޭ ޤައުމުތަކުން އުމްރާއަށް އަންނަ ކޮންމެ ގްރޫޕެއްގައި ގެންދެވޭނީ ގިނަވަގެން 50 މީހުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. އަދި ޤްރޫޕަކާއި ނުގުޅި އަދި އުމްރާއަށް ސައުދީއަށް އެތެރެ ނުވެވޭނެކަމަށްވެސް އެ ޤައުމުން ބުނެއެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އަންނަ މީހުންނަށް ހާއްސަކޮށްގެން 1800 ހޮޓާ ހަމަޖައްސާފައިވާކަމަށާއި މި ތަންތަނުގައި ޖުމްލަ ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދެވޭއިރު މީ ތިން ތަރިއާއި ފަސްތަރީގެ ހޮޓާތައް ކަމަށެވެ. އަދި މި ތަންތަނުގައި ވަކި އުސޫލްތަކެއް ހިފެހެއްޓުމަށް އަންގާފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު އާއްމުކޮށް ހުޅުވާލާއިރު ޙަރަމުފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.