ޚަބަރު

"ބަޑި ބުރާސްފަތި"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަނީ


ނަޞްރުގެ ދުވަސް ފާހަގަކުރުމަށް "ބަޑިބުރާސްފަތީ"ގެ ނަމުގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

އަންނަ އަންގާރަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގެ މައުލޫމާތު ޙިއްސާކުރައްވަމުން ޕީއެންސީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ 1988ގެ ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއިން ނަޞްރުލިބުމުގެ ހަނދާންތައް އާކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށްޓަކައި ކަމާބެހޭ ހުރިހާ ޢިދާރާތަކުގެ ޙުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލާއި، އެޗްޕީއޭއަށްވެސް ލިޔުމުން ހުއްދައަށް އެދި ސިޓީ ފޮނުވާފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ޖަލްސާ ބާއްވާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށެވެ.

"މި ޖަލްސާ ގައިދުރުކޮށް، އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމުގެ ޙުއްދައަށް އަޅުގަނޑުމެންވާނީ ޢެދިފައި. އަޅުގަނޑުމެން އުންމީދުކުރަން މާދަމާ ސަރުކާރު ހުޅުވިގެންދާއިރު މި ދެ ސިޓީގެ ޖަވާބު އަޅުގަނޑުމެންނަށް ލިބޭންކަމަށް" އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން މި ޖަލްސާ ބާއްވަން ބޭނުން ނުވާނެކަމަށާއި، އެހުއްދަވެސް ސަރުކާރުން ނުދޭނެކަމަށް ކުރީގެ މެންބަރު ޝުޖާޢުވަނީ ތުހުމަތު ކުރައްވާފައެވެ. ބަޑި ބުރާސްފަތީގެ ނަމުގައި އިދިކޮޅު ކޮލިޝަނުން ޖަލްސާއެއް ބާއްވާންއުޅޭކަން ޢިއުލާންކޮށްފައިވާއިރު، ކޯވިޑް-19އާ ގުޅިގެން މައގުމަތީގައި ގިނަ މީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ނުބޭއްވުމަށް އެއްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

އަދި މީގެ ކުރިން އެޗްޕިއޭއާ ކަމާގުޅުހުންްހުރި އެކި ފަރާތްތަކުގެ އެންގުނަތަކާއި ޚަލާފަށް އެއްވުންތައް ބާއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާތީ އިދިކޮޅު ކޯލިޝަނުގެ ބައެއް ބޭފުޅުންވަނީ ޖޫރިމަނާވެސްކޮށްފައެވެ.

ހެލްތް މިނިސްޓްރީން ވަނީ އަންނަ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހާ ހަމައަށް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައެވެ.