ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި


އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އަންނަ 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހުށައަޅަނީ 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ކުރިންވަނީ ހާމަކޮށްފިއެވެ.

ނަމަވެސް ބަޖެޓް މަޖިލީހަށް ހުށައެޅުއްވިކަން ހާމަކުރައްވައި ފިނޭންސް މިނިސްޓްރީން ކުރި ޓުވީޓްގައި ބަޖެޓްގެ މިންވަރު ހާމަކުރައްވާފައިނުވެއެވެ. ފިނެންސް މިނިސްޓްރީން ވިދާޅުވީ ބަޖެޓާއި ގުޅޭ އިތުރު ތަފްސީލް ފިނޭންސް މިނިސްޓަރު ބަޖެޓް ސްޓޭޓްމަންޓް މަޖިލީހަށް ހުށަހަޅުއްވާއިރު ދެއްވާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވީ 2021 ވަނަ އަހަރަށްލަފާކުރާ ބަޖެޓްގެ ގޮތުގައި މިމަހުގެ 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ހުށައަޅާނެކަމަށެވެ.

ޤާނޫނުގައިވާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނީ އޮކްޓޫބަރު މަހުގެ 31ގެ ކުރިންނެވެ.

ކޯވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ ޢާމްދަނީ ދަށްވެފައިވާތީ މިހިނގާ 2020ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާއިރު، ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށާއަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.