ޚަބަރު

ނިޔާވި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މާދަމާ ކަނޑިންމަ ރިސޯޓަށް


ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ނިޔާވުމުން ހެދި ޓެސްޓު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މާދަމާ ކަނޑިންމަ ރިސޯޓަށްދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުން ރޭ ނިޔާވި އެރިސޯޓްގެ މުވައްޒަފު ކޯވިޑް-19އަށް ޕޮޒިޓިވްކަން އެނގުމާއެކު އެރަށުން އިތުރު ސާމްޕަލްތަކެއް ނަގައި މާލެ ގެނެސް އެ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި މާދަމާ ހެނދުނު ދ.އަތޮޅު ހޮސްޕިޓަލުގެ ޓީމް ކަނޑިންމަ ރިސޯޓަށްގޮސް، އެރަށުގައި ތިބި ބަލީގެ އަލާމާތްތައް ހުރި މީހުން އެސެސްކުރާނެކަމަށާ، ކޮންޓްޓެކްޓްރޭސްކުރުމާއެކު އިތުރު މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އެޓީމުން ކުރަމުންގެންދާނެކަަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓްގެ ޕޮޒިޓިވް ކޭސްއާ ގުޅިގެން އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.