ޚަބަރު

މޮޅު ދަރިންތަކެއް އުފެއްދުމަށް ބޭނުންވަނީ ހިންގުންތެރި މުދައްރިސުން - ނައިބް ރައީސް


މޮޅު ދަރިންތަކެއް އުފެއްދުމަށް ބޭނުންވަނީ ހިންގުންތެރި، ތައުލީމް އުނގަންނައިދޭ ހިތުން މަސައްކަތް ކުރާ މުދައްރިސުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "އީ.ޕީ.އެސް. ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާއި، އީ.ޕީ.އެސް. ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ތަޢުލީމާއި ތަރުބިއްޔަތު ލިބެނީ މޮޅު ސުކޫލްތަކާއި ގިނަވަސީލައްތައް ހުރެގެން ނޫންކަމަށާ، އެކަމަށް ބޭނުންވާނީ ހިންގުންތެރި މުދައްރިސުންކަން އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އީޕީއެސްގެ މުދައްރިސުން މަސައްކަތް ކުރަމުން ދިޔައީ ދިވެހި ޤައުމަށް ކުރިއެރުން ބޭނުންވާނެކަމާއި އެހެން ޤައުމުތަކާ ވާދަކޮށް ކުރިއެރުން ހޯދަންޖެހޭ ޤައުމެއްކަން ދެނެގެނެ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީޕީއެސްގެ މުސްކުޅި ދަރިވަރެއްކަމަށްވާ، ނައިބް ރައީސް ވަނީ އެމަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވައި އީ.ޕީ.އެސް. ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީ.ޕީ.އެސް. ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ނައިބް ރައީސް ވަނީ އީ.ޕީ.އެސް. ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީ.ޕީ.އެސް. ހަނދާން" މަޖައްލާވެސް ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވާފައެވެ. އީ.ޕީ.އެސް. ސްކޫލް އުފެދުނީ 1968ވަނަ އަހަރުގެ ޖޫން މަހުގެ 21ވަނަ ދުވަހުއެވެ. އެ ސްކޫލުން 26000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެއެވެ. އެސްކޫލްގެ ނަން ބަދަލުކޮށް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ.