ކުޅިވަރު

ވައުދާއި އެއްގޮތަށް ދަނޑުތަށް ފުރާލާނަން - މަހުލޫފް


ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ވައުދުފުޅާއެއްގޮތަށް ދަނޑުތަށް ފުރާލެވޭނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން މިޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި މާލޭގައި ކުޑަ ނަމަވެސް އަދިވެސް އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ފޯރި އެބައޮތްކަމަށެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން މިޕްރޮގްރާމަކީ އާންމު ފޮނުވާ ސުވާލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި އާންމުންގެ ފަރާތަކުން ފުޓްބޯޅައިގެ ފޯރި ކުޑަވަނީ ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަށް އުފެދިގެން ސިޔާސީ މާހަޢުލަށް އައި ބަދަލާއި، ޕްރިމިއަރ ލީގާއި ސްޕެނިޝް ލީގް އަދި އެހެން ލީގުތަށް ފެންނަން ފެށުމަކީވެސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކުޑަވެގެން ދިޔަ އެއްސަބަބުކަމަށެވެ. އަދި ބޭރު ޤައުމުތަކުގެ ފުޓްބޯޅަ ބެލުމަށްފަހު، ރާއްޖޭގެ ފުޓްބޯޅަ މެޗެއް ބަލާލަން ދެ ގަނޑިއެއްހާއިރު ހޭދަށްކޮށްލަން މީހުންނަށް މިހާރު ވަގުތުވެސް ނެތީކަމަށާއި އެކަމަށް ދެވޭ ސަމާލުކަންވެސް ކުޑައީކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ވައުދުފުޅުތަކުގެ ތެެރޭގައި ރާއްޖޭގެ ދަނޑުތަށް ފުރާލުމަކީ ވަރަށް މުހިންމު ވައުދުފުޅެކެވެ. ދަނޑުތައް ފުރާލުމާއި ބެހޭގޮތުން މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އަދިވެސް އަތޮޅު ތެރޭގައި އެބައޮތްކަމަށާއި އަތޮޅު ތެރޭގެ ދަނޑުތަށް ފުރާލާނެކަމަށެވެ.

"ރައީސްގެ އެވައުދު ފުޅާއި އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ބޮޑު ފުޓްބޯޅަ ދަނޑު ގާއިމް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިހާރު އަޅުގަނޑު އުއްމީދު މިކުރަނީ ބައެއް ރަށްރަށުގެ މަސައްކަތް މިއަހަރުވެސް ނިންމާލެވޭތޯ. ޖުމްލަ 40 ދަނޑުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދޭ. މިފޯރި ގެނައުމަށް ޖަޒީރާ ފުޓްބޯލް ޗެންޕިއަންޝިޕްގެ ނަމުގައި އަތޮޅު ތެރޭގައި ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމަށް ހުރިހާ ކަމެއް ނިމި، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ރަށްވެސް ނިންމާފައި އޮއްވާ ކޮވިޑް19އައީ، މިހާރު މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީ ކޮވިޑްއާއި ހެދި. ހޯމް އެންޑް އަވޭ ނުކުޅެވުނަސް، އަތޮޅު ފެންވަރުގައި އެއްރަށެެއްގައި ނަމަވެސް މިއަންނަ އަހަރުގައި މުބާރާތް ފެށޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." މިނިސްޓަރ އަހުމަދު މަހުލޫފް ބުންޏެވެ.

އަހާށޭ ބުނާން މި ޕްރޮގްރާމްގައި ވާހަކަދައްކަމުން މިނިސްޓަރ އަހުމަދު މަހުލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރި ދަތުރުތަކުގައިވެސް އަތޮޅު ތެެރޭގައި ފުޓްބޯޅައިގެ ފޯރި އޮތް މިންވަރު ވަރަށް ރަގަނޅަށް އެގިގެން ގޮސްފައިވާކަމަށާއި ކުރީގައި ފުޓްބޯޅައިގެ އޮތް ފޯރި އަލުން ގެންސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މާލެ ކައިރީގައި ގުރައީދޫ، މާފުށި، ހުރާ ނުވަތަ މާލެއިން ފަސޭހައިން ދަތުރުކޮށްފައި ދެވޭ ރަށްރަށަށް މާލޭގެ ޓީމްތައް މެޗް ކުޅެލަން ދިއުމަކީވެސް ފުޓްބޯޅައިގެ ފޯރި އިތުރުވެގެންދާނެކަމެކެވެ. މިކަމުގެ ސަބަބުންވެސް ދަނޑުތަށް ފުރިގެންދާނެއެވެ. ފުޓްބޯޅައިގެ ފޯރި ކުޑަނަމަވެސް ޖުމްލަކޮށް ރާއްޖޭގެ ޓީމްތަށް ހޯދާ ނަތީޖާ ގޯސް ނޫންކަމަށްވެސް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވިއެވެ.