ޚަބަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ ފިލްމީތަރި ޔުނާންގެ ދެމަފިރިންގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފި


ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާޠިމަތު ރިހުލާގެ މައްޗަށް ދަޢުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، މ. ނަރުގިސްމާގެއާގެ، ފާޠިމަތު ރިހުލާ، 2019ވަނަ އަހަރާއި 2020ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދަޢުވާކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލަތަކުގައި ޔުނާންގެ މައްޗަށް 9 ދަޢުވާ، އޭނާގެ އަންހެނުން ފާޠިމަތު ރިހްލާގެ މައްޗަށް 5 ދަޢުވާ ކުރުމަށް މިއަދުވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ޔުނާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދަޢުވާއާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ ޢަމަލެއް ހިންގުވުމުގެ 2 ދަޢުވާގެ އިތުރުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދަޢުވާއަކާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ 2 ދަޢުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާވެސް ހިމެނެއެވެ.

މީގެ ތެރެއިން 5 ދައުވާއެއް ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއެއްގެ ޢަދަބެއްގެ ގޮތުން 5 އަހަރާއި 18 އަހަރާ ދެމެދުގެ
މުއްދަތަކަށް ޔުނާން ޖަލަށްލާނެއެވެ.

ޔުނާންގެ އަންހެނުންގެ މައްޗަށް ކުރާ ދަޢުވާތަކުގެ ތެރޭގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ 2 ދަޢުވާއާއި އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.