ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭގޮތް އެބޭންކުން ހަދައިފިއެވެ.
ބީއެމްއެއެލްއިން ވިދާޅުވީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފު މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ބޭންކުން ނިންމާފައިވާކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި، ބައެއް އޮންލައިން ޓްރޭޑިންގސައިޓްތައްވެސް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.
ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުންދާކަން ބެންކް އޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ދިވެހި ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ މުޙިއްމު ކަމެއްގެ ގޮތުގައި އެބޭންކުން ދެކޭ ކަމަށާއި، އެހެންކަމުން
ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓަރކުރަމުންދާނެ ކަމަށެވެ. އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް އެބޭންކުން ހާމަކުރެއެވެ.
ބީއެމްއެލްގެ މި ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރާއި ގުޅުންހުރި އިދާރާތަކާ ހިއްސާކުރެވިފައިވާނެ ކަމަށްވެސް އެބޭންކުން ހާމަކުރެއެވެ.