ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 55 އަހަރު - އެތައް ރޮނގަކުން ކުރިއެރުން


އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުންތާ މިއަހަރު 55 އަހަރު ފުރިފައިވާއިރު އޭގެ ކުޑަދުވަސްކޮޅެއްފަހުން ހަމަ އެހަރުގެ ފަހުކޮޅު މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ބަލައިގަތް ފުރަތަމަ އެއް ޤައުމަކީ އަވައްޓެރި އިންޑިއާއެވެ.

1 ނޮވެންބަރު 1965ގައި ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި އިންޑިއާއިން ބަލައިގަތް ނަމަވެސް ދެ ޤައުމަކީ އޭގެ މާކުރިންވެސް ތަފާތު ދާއިރާތަކުން ގުޅުން ޤާއިމްވެފައިވާ އަވައްޓެރި ދެ ޤައުމެކެވެ. އޭގެ 55 އަހަރުފަހުން މިއަދު މިފެންނަނީވެސް އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ދުވަހަކުވެސް ނުވާހާ ގާތްވެފައިވާ ދުވަސްވަރަކަށެވެ.

އިންޑިއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ސިފަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ނޮވެނބަރު 1 ވަނަ ދުވަހު ދެ ޤައުމުގެ ކުރިއާ މިހާރުގެ އިސްވެރިން ބައްދަލުކުރެއްވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.

މި ފޮޓޯތަކުން އެންމެ ފުރަތަމަ އިންޑިއާގެ އިސް ވެރިޔަކު ރާއްޖެ ވަޑައިގެންން ރާއްޖޭގެ އެންމެ އިސްފަރާތްތަކާއިއެކު ބޭއވެވި ބައްދަލުކުރެއްވުމުގެ ފޮޓޯތަކާއި އެންމެ ފަހުން ރާއްޖެއަށްއިންޑިއާގެ ބޮޑުވަޒީރު ކުރެއްވި ދަތުުރުފުޅުގައި އެންމެ އިސްވެރިން ބައްދަލުކުރެއްވި މަންޒަރު ހިމެނޭ ފޮޓޯތަސް ހިމެނެއެވެ. އެންމެ ފުރަތަމަ އިންޑިއާގެ އިސްވެރިއެއްގެ ގޮތުގައި 1975ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވީ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީއެވެ. އެކަމަނާގެ ދަތުރުފުޅުގައި މަރުޙަބާ ދެންނެވިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އަހުމަދު ޒަކީއާ ދެބޭފުޅުންގެ ފޮޓޯއެއް މިނިސްޓަރ ޝާހިދު ޙިއްސާކުރެއްވިއެވެ. އަދި ރައިސް މައުމޫނުގެ ވެރިކަމުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަޖީވް ގާނދީއާއި ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހްގެ ފޮޓޯ މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ. މި ފޮޓީތަކުން އޭރާއި މިހާރު ރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުން ފެނިގެންދެއެވެ.

ދެ ޤައުމުގެ ވެރިންގެ އިތުރުން ރާއްޖެއަށް ބަލާނަމަ އިންޑިއާގެ އެހީގައި މުހިއްމު ގިނަ މަޝްރޫޢުތައް ރާއްޖޭގައިވަނީ ހިންގާފައެެވެ. އެގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ބިނާ ކުރުމާއި، ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީގެ އިމާރާތާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޓް ޓޫރިޒަމް ސްޓަޑީސްގެ އިމާރާތުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާނެ މަސައްކަތްތައް ކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ލޯން އެހީގެ ދަށުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއްދަނީ ހިންގަމުނެވެ.

މީގެ އިތުރުން ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ އަވައްޓެރިއެއްގެ ގޮތުގައި އިންޑިއާވަނީ އެތައް ފަހަރެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދީފައެވެ، މިގޮތުން މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، 1988ވަނަ އަހަރުގެ ނޮވެންބަރު 3ގައި ރާއްޖެއަށް ދެވުނު ޢުދުވާނީ ހަމަލާއިން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައ ރާއްޖެއަށް އިންޑިއާގެ އެހީވަނީ ވަގުތުން ލިބިފައެވެ.
މިގޭ އިތުރުން ސުނާމީ ކާރިޘާއާއި މާލެ ފެނަށް ޖެހުނު ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ރާއްޖެއަށް އެހީވުމަށް އެންމެ ފުރަތަމަ އަތުކުރި އޮޅާލީ އިންޑިއާއިންވެވެ.

ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ އަދި ސިޔާސީ ދާއިރާގެ އިތުރުން، އިޤްތިޞާދީ ދާއިރާއާއި ދިފާޢީ ދާއިރާގެ އިތުރުން އެނޫންވެސް މުހިއްމު ދާއިރާތަކުން އިހުނަށްވުރެ ބޮޑަށްވަނީ ގުޅުން ޤާއިމްވެފައެެވެ.

އިންޑިއާއާ ރާއްޖޭއާ ދެމެދު އޮތް ގުޅުން މީގެ އަހަރުތަކެއް ކުރިން ހީނަރުވެފައި އޮތް ނަމަވެސް އެ ގުޅުން މިހާރު މުޅިން އެހެން ދަރަޖައަކަށް އުފުލިފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ވިދާޅުވެވެފައެވެ.