ޚަބަރު

ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕާފުޅަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވުން


ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅަށް ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، ކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.

1988ގެ ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލާ ރާއްޖެއަށް ކުރިމަތިވިއިރު ހދ.ކުޅުދުއްފުށީ މާވާގޭ ޙުސައިން އާދަމަކީ ސިފައިންގެ ބޭކަލެއްގެ ގޮތުގައި މަސައްކަތްކުރަމުންއައި ޢުމުރުން އެންމެ 19 އަހަރުގެ ޒުވާނެކެވެ.

އެދުވަހު ރާއްޖޭގެ ވެރިރަށަށް ޒަމާނީ ހަތިޔާރާއެކު ހަމަލާދެމުންދިޔަ ދުޝްމަނުންގެ އަމާޒަކަށް ހަދާފައި އޮތީ ދިވެހި ސިފައިންގެ މައި މަރުކަޒެވެ. މިޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ނުކުތް ސިފައިންގެ ލަޝްކަރުގެ 8 ބޭފުޅަކު ޝަހީދުވިއެވެ. އެދުވަހު ދުޝްމަނުންނަށް ސިފައިންގެ މައިމަރުކަޒު ނުހިފުނީ ހިތްވަރުގަދަ ބަޠަލު ޝަހީދު ކޯޕަރަލް ޙުސައިން އާދަމް ސިފައިންގެ ދޮރާށި ބެލެހެއްޓެވުމުގައި ޝަހީދުވަންދެން ހަނގުރާމަކުރެއްވުމުންނެވެ. އެދުވަހު ދިވެހި ޤައުމަށް ލިބުނު ނަޞްރުގެ ހަޤީޤީ ސަބަބަކީ މި ޒުވާން ބަޠަލު ދައްކުވައިދިން މިހިތްވަރުގަދަ ޢަމަލެވެ. އެ ބިރުވެރި ދުވަހު ޢާންމު މަދަނީންގެ ތެރެއިން ދުޝްމަނުން ޝަހީދުކޮށްލި 11 ދިވެހިންނާއެކު ޖުމްލަ 19 ދިވެހިންގެ ޠާހިރުލެއިން މި ފަޚުރުވެރި ދިވެހި ބިން ފެވިގެންދިޔައެވެ. އަދި މިޙަމަލާގައި 39 ދިވެހިން ވަނީ ޒަޚަމްކޮށްލާފައެވެ.