ގޮންޖެހުންތަކެއް ހުރި ނަމަވެސް މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމާއި، ހަމަހަމަ އުޞޫލެއްގެ މަތިން ހުރިހާ ފަރާތްތަކެއްގެ ހައްޤުތައް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އދ. ގެ ޔޫ.ޕީ.އާރު ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ޖެންޑަރ މިނިސްޓަރ ވިދާޅުވީ ކައުންސިލުތަކުގެ 33 އިންސައްތަ އަކީ އަންހެނުން ކަމުގައި ނިންމުން 384 އަންހެނުން ކައުންސިލު ތަކުގައި މަސައްކަތް ކުރާކަމަށެވެ. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްސާ އިތުރު ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަން ކުރުން ވެގެން ދިޔައީ މިންތީގެ ފަރަގު ކުޑަ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި ޚާރިޖީ ދާއިރާގައި އިސްކޮށް ތިބި ފަރާތްތަކަކީ އަންހެނުން ކަމުގައި ވުމަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅެއްކަމަށާއި މިކަމުގެ ސަބަބުން އަންހެނުންގެ ހާލަތު ބަދަލުކުރުމަށާއި ކުރިއެރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ތައުލީމީ ދާއިރާއަށް ބަލާއިރު މަތީ ތަޢުލީމު ލިބިފައިވާ ފަރާތްތަކުގެ %10 ކުރީގައި އުޅެނީ އަންހެން ކުދިން . އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އަންހެނުންގެ ހިއްޞާ އަކީ %4.6 ކަމަށް ވާތީ ސިޔާސީ ޕާޓީތަކާއިއެކު ޕާޓީ ތަކުގެ ޕްރައިމަރީ ގައި އަންހެނުންނަށް ޚާއްޞަ ކޯޓާ އިތުރުކުރުމާއި އަންހެނުން ކުރިއަށް ނިކުންނަށް ހިތްވަރުދީ، މިކަމަށް މަގުފަހި ވާނޭ ގޮތަށް ކަންކަން ބަދަލުކުރުމަށް ސަރުކާރުން ދަނީ މަޝްވަރާކޮށް މަސައްކަތްކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމަށް އެކުލަވާލެވިފައިވާ ޤާނޫނޫތައް މުރާޖަޢާކޮށް ސިވިލް ސަރވިސްގެ އިންޑަކްޝަން ތަމްރީން ޕްރޮގްރާމް ތަކުގައި ޖެންޑަރ މެއިންސްޓްރީމިންގެ މަސައްކަތްތައް ހިމަނައި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ސިއްޙީ ދާއިރާ މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމް ހަރުދަނާކޮށް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ.
މި ސެޝަންގައި ކުޑަކުދިންގެ ހައްޤުތައް ހިމަޔާތްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްތަރ ވިދާޅުވީ ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް ކުރަމުން ގެންދާ މަސައްކަތް ތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައި ކޮންމެ ރަށެއްގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީ.އެސް.ޖީ)ތައް ޤާއިމުކޮށް ކުޑަކުދިން ރައްކާތެރި ކުރުމަށް ކުރެވޭ ބައެއް މަސައްކަތްތައް ލާމަރްކަޒުކޮށް ކައުންސިލްތައް މެދުވެރިކޮށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކުޑަކުދިންގެ ހައްޤުތަށް ރައްކާތެރިކުރުމާއި ބެހޭ ސިޔާސަތު ކަނޑައަޅައި ސިޔާސަތާއި ޤާނޫނަށް ކުދިން އަހުލުވެރި ކުރުމަށް ކުޑަކުދިންނާއި ރައްޓެހި އިބާރާތުން މި ސިޔާތަތުތަށް އެކުލަވާލައި ބެލެނިވެރިން އަހުލުވެރިކޮށް ބާރުވެރިކުރުމަށް ތަފާތު ޕްރޮގްރާމްތަށް ހިންގުމަށް ވަނީ ރާވާފަ. މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ތަމްރީން ލިބިފައިވާ ޤާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ހިއުމަން ރިސޯސް ޕްލޭނެއްގެ ތެރެއިން ދަނީ ކުރަމުން." ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުގައި ހިމެނޭ ހުރިހާ އޮޕްޝަނަލް ޕްރޮޓޮކޯލް ތަކުގައި ދިވެހިރާއްޖެ ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ.