ކުޅިވަރު

ޔުނައިޓެޑްގެ ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް: ސޮލްސްޝަރ


މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންނާމެދު އިތުބާރު އެބައޮތް ކަމަށާއި އެކުޅުންތެރިންވެސް އަލުން މޮޅުވަން ބޭނުންވާކަން ދަނޑުމަތިން ދައްކައިދޭނެ ކަމާމެދު ސުވާލެއް ނެތްކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލޭ ގަނަރ ސޮލްސްޝަރ ބުނެފިއެވެ.

މެންޗެސްޓަރ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި ދައްކުޅުމާއެކު ކުޅުންތެރިންގެ މަސައްކަތާމެދު މީޑިއާތަކާއި ކުރީގެ ކުޅުންތެރިން ވަނީ ސުވާލު އުފައްދާފައެވެ. ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗުތަކުގައި ފެނިގެންދިޔަ ދަށްކުޅުމާއެކު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އެޓީމް ކުޅުނު މެޗުން ބަލިވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ޔުނައިޓެޑަށް ވަނީ އަމާޒުވެފައެވެ. އަދި ކްލަބް ކޯޗު ސޮލްސްޝަރ މަގާމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަ ތަކެއްވެސް ވަނީ ފެންމަތި ވެފައެވެ. އެމަގާމަށް ގެނައުން އެންމެ ކައިރީ ޓޮޓްނަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ.

ސޮލްސްޝަރ ބުނީ ކުޅުންތެރިންނަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ މީގެކުރިން ދުވަހުވެސް ކުރިމަތި ނުވާ ކަހަލަ ހާލަތެއް ކަމަށާއި ކޯވިޑް19 އާއެކު އުފެދިފައިވާ ގިނަ ސުވާލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ފުޓްބޯޅަ ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް މި ކުޅުންތެރިންނާމެދު ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކޮށް ސޮލްސްޝަރ ބުނީ ޔުނައިޓެޑްގެ ކުޅުންތެރިން އިތުރު ހިތްވަރެއްލައި މެޗުތަކުގައި މޮޅުވުމުގެ ރޫހު އިތުރުކުރާނެކަމަށެވެ.