ވިޔަފާރި

ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރާނެ


އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިޔަން ޑޮލަރު ހަވާލުކުރުމުގެ އެގްރީމެންޓުގައި ސޮއިކުރަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ވިދާޅުވީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއަށް ޚަރަދުކުރުމުގެ ބައެއްގެ ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއިއެކު ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ސޮއިކުރާނެކަމަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިދިޔަ މަހުގެ ތެރޭގައިވަނީ ސޮއިކޮށްފައެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ، މި މަހުގެ 8 އިން 10އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމްއާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.