ކުޅިވަރު

އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗްގެ ފާޓްނަރުންގެ ގޮތުގައި ތިން ޖަމިއްޔާއެއް


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗްގެ ފާޓްނަރުންގެ ގޮތުގައި ތިން ޖަމިއްޔާއެއް އެފްއޭއެމްއިން ހަމަޖައްސައިފިއެވެ.

ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗްގައި ވާދަކުރާނީ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ލީގްގެ ރަނަރަޕް ކުލަބް އީގަލްސްއެވެ. މިމެޗްގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއެވެ.

އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ އެކްސްކޯ މެންބަރު މުރުތަލާ މޫސާ އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުން އިބްރާހިމް ރަމީޒާއި މޯލްޑިވިއަން ބްލަޑް ޑޯނާސްގެ ފަރާތުން އިބްރާހީމް ރަޝީ ވިދާޅުވީ މިއީ މިޖަމިއްޔާތަށް ޕްރޮމޯޓުކުރުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި އަދި މެޗްގެ މުހިންމުކަމުގެ މައްޗަށްވެސް މިތިން ބޭފުޅުންވަނީ ވާހަކަދައްކާފައެވެ.


މީގެ ކުރިން ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ފުރުސަތު ލިބިގެންދަނީ ލީގް ޗެންޕިއަންއަށާއި އެފްއޭ ކަޕްގެ ޗެންޕިއަން ޓީމަށެވެ. ނަމަވެސް މިފަހަރުގެ ޝީލްޑް މެޗުން ކުލަބް އީގަލްސްއަސް ފުރުސަތު ލިބުނީ ކޮވިޑް19އާއި ގުޅިގެން ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުމާއި އެފްއޭކަޕް ކެންސަލް ކުރަން ޖެހުމުންނެވެ. ލީގުގެ ރަނަރަޕް ޓީމްގެ ގޮތުގައި ކުލަބް އީގަަލްސްއަށް ޝީލްޑް މެޗް ކުޅުމަށް ފުރުސަތު ލިބުނުއިރު، މިއީ ކުލަބް އީގަލްސްއިން ޗެރިޓީ ޝީލްޑް މެޗް ކުޅޭ ފުރަތަމަ ފަހަރެވެ. މިމެޗުން މޮޅުވާ ޓީމަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މިމެޗުން ލިބޭ ފައިސާ އެކި ޖަމިއްޔާތަކަށް މީގެ ކުރިންވެސް ވަނީ ހަދިޔާކޮށްފަ. ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗް ކުޅުމަސް ހަމަޖެހިފައިވާއިރު، މިއަހަރުގެ ލީގްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 13ވަނަ ދުވަހުއެވެ.