ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ އީ-ސަރވިސް ޕޯޓަލް "އެޓަމްސް" އިފްތިތާހްކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އީ-ސަރވިސް ޕޯޓަލްގެ ޓްރައިލް ވަރޝަން ތައާރަފްކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް(އެޓަމްސް) ޕޯޓަލް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. މި ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކޮށްފައިވާއިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެސަރވިސްއިން ވިދާޅުވެއެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް ޚިދުމަތާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ޤައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމުކަމެއްކަމަށެވެ.

"ރަށްރަށުގައި ތިބޭ ޤައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތިވީ ނަމަވެސް، މި ޚިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބަވައިގެންވެސް ރިކުއެސްޓްކުރެވިދާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ޚިދުމަތްތައް ހޯދުމުގައި ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ ފަސޭހަވެ އެދާއިރާގެ މަސައްކަތްތައް އަވަސްވެގެންދާނެކަމަށްވެސް ޕްރިޒަންސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސްގެ އީ-ސަރވިސް ޕޯޓަލް "އެޓަމްސް" ފަރުމާކުރެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ޚިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯރޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުވުމަށް އެދިލެއްވޭނީ އެފަރާތްތަކުގެ ޤާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުންނެވެ.