ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 12,000އަށް އަރައިފި


އިތުރު 23 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 12,000އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 21މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 2މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 23މީހުންގެ ތެރެއިން 20މީހުންނަކީ ދިވެހިންނެވެ. އަނެއް 3މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12,009މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 40މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11132އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 32 ދިވެހިންނާއި، 8 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 40 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ހާހަކަށްވުރެ ދަށަށްގޮސްފައިވާއިރު މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 830އެވެ. އަދި 225މީހުން މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 52މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި1342ސާމްޕަލެއް ވަނީ ނަގާފައެވެ.