އިންޑިއާއިން ދިން 1.3 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ 8 މަޝްރޫއާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރުއާއި ބައްދަލުކުރައްވައެވެ.
ތިން މިނިސްޓަރުންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި މިމަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތައް ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ. އަދި ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު މަޝްރޫއުތައް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިފްތިތާހު ކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާ، ފޮރިން ސެކްރެޓަރީ ވަނީ ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައިވާ ގާތް ގުޅުން ކުރިއެރުވުމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާލަތު ޕާޓީން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމާއި ބައްދަލުކުރައްވާ، ފޮރިން ސެކްރެޓަރީވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ރިކަވަރީ އާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ފޮރިން ސެކްރެޓަރީ ވަނީ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާ އިން ޑިމޮކްރެސީގެ އުސޫލުތަކަށްދޭ އަހައްމިއްޔަތާއި، ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމުގެ ބަދަހިކަން ސާބިތުވެގެންދާ ކަމަށް އިންޑިއާ އެމްބަސީން ވިދާޅުވެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުވަނީ ފުރާވަޑައިގެންފައެވެ.