ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ބައިލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް19 ފެތުރެން ފެށުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާރޗް މަހުގެ ތެރޭގައި ވަނީ ބޯޑަރު ބަންދުކޮށްފައެވެ. ގާތްގަނޑަށް 3 މަހަށްވުރެ ގިނަ ދުވަހު ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި އޮޕަރޭޓްކުރާ ބެޑުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ ބެޑް މިހާރު އޮޕަރޭޝަނުގައި ހުރިކަމަށް ރައްޒާން ވިދާޅުވިއެވެ. ރައްޒާން ވިދާޅުވީ ރާއްޖޭގައި އޮޕްރޭޓްކުރާ ގިނަ ޓޫރިސްޓް ފެސިލިޓީތަކުން މިހާލަތުގައި ގައިޑްލައިންއަށް އަމަލުކުރަމުންދާކަމަށެވެ.
" 10 ނޮވެމްބަރ އާއި ހަމައަށް ރާއްޖޭގެ ރިސޯޓްގެ ތެރެއިން 122 ރިސޯޓްއަކަށް ހުއްދަ ދެވިއްޖެ. 5 ޓޫރިސްޓް ހޮޓަލަކަށް. 121 ސަފާރީއަކަށް. 79 ގެސްޓްހައުސްއަކަށް. އެއީ ޖުމްލަ 327 ޓޫރިސްޓް ފެސިލިޓީ. ގާތްގަނޑަކަށް 32 ހާހަށްވުރެ ގިނަ އެނދު އެބަހުރި. މިއީ ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީގެ 50 އިންސައްތައަށްވުރެ ގިނަ އަދަދެއް މާކެޓަށް މިއައީ ޖުލައި 15 އިން ފެށިގެން މިއަދާއި ހަމައަށް. މިއަދަކީ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން އައިސް ބައިލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައި ދުވަސް. މި 50 ހާސް ފަތުރުވެރިން އައިއިރުވެސް މާބޮޑު ކޭސްތަކެއް ފަތުރުވެރިންގެ ކިބައަކުން ނުފެނޭ. އެކަން އެގޮތުގައި ހިފެހެއްޓެނީ ގައިޑްލައިންތަކަށް އަމަލުކުރާތީ." ރައްޒާން ވިދާޅުވިއެވެ.
ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ މުހިންމު ސިނާއަތްކަމަށްވާ ފަތުރުވެރިކަން ހުއްޓުމަކަށް އައުމެވެ. 2019 ވަނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ކަނޑައެޅިނަމަވެސް އެއަހަރު ވަނީ ރާއްޖެއަށް 1.67 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިއާއިއެކު މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒުހިފިއެވެ. ނަމަވެސް މި މަސައްކަތަށް ހުރަސްތައް ކުރިމަތިވީ ކޯވިޑް19 ގެ ސަބަބުންނެވެ. ކަނޑައެޅި އަމާޒަށް ވާސިލްނުވެވުނު ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ބައެއް މާކެޓްތަކުން މިހާރު ވަނީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމެއްކަމަށް ކަނޑައަޅާފައެވެ. އަދި ދުނިޔޭގެ ގިނަ އެއަރލައިންތަކަކުން އަލުން ރާއްޖެއަށް ދަތުރު ކުރަންފެށުމާއިއެކު މިއަހަރުގެ ބާކީ އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން އިތުރުވެ އަންނަ އަހަރަކީ އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރަކަށް ވާނެކަމުގެ އުންމީދު މިހާރު ވަނީ ބޮޑުވެފައެވެ.