ކުޅިވަރު

އެންބީއޭގެ 21-2020 ވަނަ އަހަރުގެ ސީޒަން ޑިސެމްބަރު 22 ގައި ފަށަން ނިންމައިފި


ކޮވިޑް-19ގެ ސަބަބުން ޝެޑިއުލްގެ މައްސަލަތަކާ ކުރިމަތިވެފައި އޮތް އެންބީއޭގެ 21-2020 ވަނަ އަހަރުގެ ސީޒަން ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މީގެ ކުރިން ބާސްކެޓްގައި އެންމެ މަޝްހޫރު ލީގް އެންބީއޭ ފަށަނީ އޮކްޓޯބަރު މަސްގެ ތެރޭގައެވެ. ނަމަވެސް މިއަހަރުގެ ސީޒަން ޑިސެންބަރު މަހަށް ލަސްކޮށްފައިވަނީ ކޮވިޑް19ގެ ސަބަބުން މިއަހަރުގެ ސީޒަން ނިންމުމުގައި ދިމާވި ގޮންޖެހުންތަކާގުޅިގެންނެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އެންބީއޭ ސީޒަން ކުރުކުރަން ނިމްމާފައިވާއިރު، ކުރިން 82 މެޗު ކުޅެން ނިންމާފައިވީނަމަވެސް މިއަހަރު ކުޅުމަށް ހަމަޖެހިފައިވަނީ 72 މެޗެވެ. އެންބީއޭ އާއި އެއިދާރާގެ ކުޅުންތެރިންގެ ޔޫނިއަނުން މިގޮތަށް ނިންމި ނަމަވެސް މިނިންމުން ފައިނަލް ކުރާނީ ލީގުގެ ބޯޑު މެމްބަރުންކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މުސާރައިގެ ގޮތުގައި ޓީމަކުން ހަރަދުކުރާ އަދަދު މަދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ޓީމަކަށްވެސް ސީޒަންގެ ތެރޭގައި މުސާރައިގެ ގޮތުގައި ހަރަދުކުރެވޭނީ ޖުމްލަ 109.1 މިލިއަން ޑޮލަރު ކަމަށްވެސް އެއިދާރާއިން ވަނީ ކަނޑައަޅާފައެވެ. ނިމިގެންދިޔަ ސީޒަންގެ އެންބީއޭ ލީގް ޓައިޓަލް ހޯދާފައިވަނީ ލެބްރޯން ޖޭމްސްގެ ލޮސް އޭންޖަލްސް ލޭކާސްއެވެ. މިއީ 10 އަހަރަށް ފަހު އެޓީމުން ހޯދި ފުރަތަމަ ލީގް ތަށްޓެވެ. އަދި މިއީ އެޓީމުން ލީގު ޗެމްޕިއަންކަން ހޯދި 17 ވަނަ ފަހަރެވެ.