ލޮނުޒިޔާރާތް ޕާކްގައި ހުރި އިމާރާތަކަށް، ގަހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއްދީފިނަމަ އެމީހަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ވަނީ ލޮނުޒިޔާރާތް ޕާކު ހުޅުވާފައި ހުންނާނެ ގަޑިތަކާއި ޕާކްގައި އުޅޭއިރު އަމަލުކުރަންވީ ގޮތުގެ އުޞޫލެއް އާއްމުކޮށްފައެވެ. މިގޮތުން މި ޕާކް ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30އަށެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ޕާކުތެރޭގައި ކުނިއަޅަން ވާނީ އެކަމަށް ޚާއްސަކޮށް ބަހައްޓާފައި ހުރި ކުނިއަޅާ ވަށިގަނޑުތަކަށްކަމަށާއި ޕާކަށް ދާއިރު ފެން އެޅުމަށްޓަކައި ފެން އަޅާ ފުޅި އަމިއްލައަށް ގެނަންނަންވާނެކަމަށެވެ. އަދި ޕާކުތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއެ ހެދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ލޮނުޒިޔާރަތް ޕާކަކީ ފަތިސް ގަޑީގައި އުމުރުން ދުވަސްވީ މީހުން ކަސްރަތުކުރުމަށްވެސް މުހިއްމު ތަނަކަށް ވެގެންދާނެކަމަށެވެ. ސިފާ ވިދާޅުވީ ރައްކަތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދުވަސްވަރު ޕާކަށް އަންނަ މީހުންގެ ނަންނޯޓު ކުރަމުންދާނެކަމަށެވެ. ސިފާ ވަނީ ޕާކް ބެލެހެއްޓުމުގައި ސިޓީކައުންސިލުގެ އިތުރަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އުޞޫލްގައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ޕާކު ތެރޭގައި ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ތޫނު ތަކެތި ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ޕާކު ތެރެއަށް ވެއްދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ޕާކަށް ވަނުމުގެ ކުރިން އަދި ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރާނެކަމަށެވެ.އަދި ޕާކުތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރަން ވާނެކަމަށާއި މީހުންގެ ނުރުހުމުގައި ގަނާކޮށް ފޮށި އެހެންމީހެއްގެ ގައިގައި އަތްލާ ހަދައިގެން ނުވާނެކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ވަނީ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ޕާކަށް ނުދިއުމަށާއި ޕާކް ތެރޭގައި އުޅޭ ހުރިހާ ވަގުތު ތަކުގައިވެސް ސައިބޯނި ލައިގެން އަތް ދޮވުމަށް ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އިބްރާހީމް ރަޝީދު
މާލޭ ސިޓީގެ ހުރިހާ ޕާކް ތަކާ ހުސްބިންތަކަކީ ގޭންގް ތަކުގެ މިލްކެއް. މި ސަޤާފަތް މިއަދާއި ހަމަައަށް ސަރުކާރުތަކުން ދަމަހައްޓާފަވޭ. މިއަދުވެސް މިކަން އޮތީ މިގޮތަށް. ލޮނުޒިޔާރަތް ކޮޅު ޕާކް ވެސް މާގިނަ ދުވަސްތަކެއްނުވެ، ކޮންމެވެސް ގޭންގް އެއްގެ މިލްކިއްޔާތަކަށް ހަދާނެ.