ދުނިޔެ

ޔޫރަޕުގައި މަރުވި މީހުންގެ ޢަދަދު 3 ލައްކައަށްވުރެ މައްޗަށް


ވިލާތުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 300،000އަށްވުރެ އިތުރުވެއްޖެއެވެ.
ދުނިޔޭގެ އާބާދީގެ 10 އިންސައްތަ އެ ބައްރަކަށް ނިސްބަތްވާ ވިލާތުގައި މިހާތަނަށް 12.8 މިލިއަން މީހުނަންވަނީ ކޯވިޑް ޖެހިފައެވެ. އޭގެ ތެރެއިން 301،244 މީހުން މިހާތަނަށްވަނީ މަރުވެފައެވެ. އެއީ ކޯވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވެފައިވާ 1.2 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ މަރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގައި 234،920 މީހުންނަށް ބަލިޖެހި 4،863 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ގިނަ ހަސްފަތާލުތަކުގައި ކުރިއަރާފައިވާ އަދި ފަހުގެ ވަޞީލަތްތައް ލިބެން ހުރި ނަމަވެސް އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމުތަކަށްވަނީ ބާރުބޮޑުވެފައެވެ.

މި އަހަރުގެ ކުރީކޮޅުގައި ފުރަބަންދުތަކެއް ޤާއިމްކޮށް ބަލިފެތުރޭ މިންވަރު މަދުކުރުމުގައި ވިލާތުގެ ޤައުމުތަކުންވަނީ ކާމިޔާބުވެފައެވެ. ނަމަވެސް ފަހުން ފިޔަވަޅުތަކަށް ލުއި ދިނުމުން ބަލީގެ ދެވަނަ ރާޅެއްވަނީ އަނެއްކާވެސް ފެތުރެން ފަށައިފައެވެ. އަދި ޤައުމުތަކުގެ ސަރުކާރުތަކުން ވަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލަކު ގާތްގަނޑަކަށް 280،000 ކޭސްވަނީ ފެނިފައެވެ. އެއީ އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު 10 އިންސައްތަ އިތުރު ޢަދަދެކެވެ. އެ ޢަދަދަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދަކުން ބަލިޖެހޭ މީހުންގެ ގާތްގަނޑަކަށް 50 އިންސައްތައެވެ.

ފައިޒާއިން ތައްޔާރުކުރަމުންދާ ކޯވިޑް ވެކްސިން ކާމިޔާބުވާނެކަމަށް ބެލެވިފައިވާއިރު 2021ވަނަ އަހަރުގެ ކުރިން އެ ވެކްސިން ލިބޭނެކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތް ފިނި މޫސުމުގައި ބަލިފެތުރޭ މިންވަރު އިތުރުވެ ޞިއްޙީ ނިޒާމުތަކަށް އިތުރަށް ބާރުބޮޑުވާނެކަމަށް މިހާރުވެސް ބަނީ ބެލެވެން ފަށާފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި 49،000 މީހުންވަނީ މަރުވެފައެވެ. މިހާރު ބަލި ފެތުރޭ ހަލުވިމިނުގައި ބަލިފެތުރޭނަމަ އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދު 80،000އަށް ވުރެ މައްޗަޢް އަރާނެކަމަށް މާހިރުން ބުނެއެވެ. އެއީ އެންމެ ގޯސް ޙާލަތުގައި މަރުވާނެކަމަށް އަންދާޒާކޮށްފައިވާ މީހުންގެ ޢަދަދެވެ.

ފަރަންސޭސިވިލާތާއި ސްޕެއިނާއި އިޓަލީވިލާތާއި ރަޝިޔާގައިވެސް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހުންދަނީ މަރުވަމުންނެވެ. އެ ފަސް ޤައުމުން މަރުވެފައިވާ މީހުންގެ ޢަދަދު އެއްކޮށްލުމުން އަންނަ ޖުމްލަ ޢަދަދަކީ ބަލީގައި މަރުވެފައިވާ މީހުންގެ ހަތަރު ބައިކުޅަ ތިންބައެވެ. އެންމެ ހަލުވިކޮށް މިވަގުތު ބަލިފެތުރޭ ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 48.700 މީހުންނަށް ބަލިޖެހެމުންދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެ ޤައުމުގެ އައިސީޔޫގައި ހުރި ޖާގައިގެ 92 އިންސައްތަ މިހާރުވަނީ ފުރިފައެވެ. އޭގެ އިތުރުން ބެލްޖިއަމާއި ނެދަލޭންޑްސްގެ ހަސްފަތާލުތަކުގެ ޖާގަ ހުސްވުމުން ޙާލުދެރަ ބައެއް ބަލިމީހުންވަނީ ފަރުވާއަށް ޖަރުމަނުވިލާތަށް ފޮނުވާފައެވެ.