ދުނިޔެ

ރަޝިޔާގެ ވެކްސިން 92 އިންސައްތަ ކާމިޔާބު، އެކަމަކު ސައިންސްވެރިންގެ ކަންބޮޑުވުން


ކޯވިޑް-19އާއި ދެކޮޅަށް ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް 5 ވެކްސިން 92 އިންސައްތަ ކާމިޔާބުކަމަށް އެ ޤައުމުން ބުނެފިއެވެ.
މީ އިންސާނުން ބޭނުންކޮށްގެން ކުރާ ފަހު މަރުޚާލާގެ ތަހުލީލުތަކުގެ ތެރެއިން މިހާތަނަށް ލިބިފައިވާ ދެވަނަ ނަތީޖާއެވެ.

ފައިޒާ އަދި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުނިން ގުޅިގެން ތައްޔާރުކުރާ ވެކްސިނުގެ ތަހުލީލުތަކުގައި 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުން ރައްކާތެރިކޮށްދޭކަން އެކުންފުނިން އިއުލާންކުރީ މިމަހުގެ 9 ވަނަދުވަހުއެވެ.

ރަޝިޔާއިން އިޢުލާނުކޮށްފައިވާ ނަތީޖާއަކީ އުއްމީދީ ނަތީޖާއެއްކަމަށާއި އޭގެ ސަބަބުން ވެކްސިނެއް ބޭނުންކޮށްގެން ބަލިމަޑުކަން ފެތުރުން ހުއްޓުވޭނެކަމުގެ އިތުރު ޔަޤީންކަމެއް އޮތްކަމަށް އެ ޤައުމުން ބުނެއެވެ. އެހެންނަމަވެސް އެ ތަހުލީލުތަކީ ކޯވިޑް ޖެހިފައިވާ މަދު އަދަދެއްގެ ބަޔަކު ބޭނުންކޮށްގެން ކޮށްފައިވާ ތަހުލީލުތަކެއްކަން މާހިރުން ވަނީ ފާހަގަކޮށްފައެވެ.

ރަޝިޔާގެ ތަހުލީލުގައި ބައިވެރިވި މީހުންގެ ތެރެއިން 20 މީހުންނަށް ކޯވިޑް-19 ޖެހުމުން އެ ޤައުމުންވަނީ އޭގެ ތެރެއިން އަސްލު ވެކްސިން ދީފައިވަނީ ކިތައް މީހުންނަށްތޯ ބަލާފައެވެ އެއީ ފައިޒާގެ ތަހުލީލުގައި ބޭނުންކޮށްފައިވާ 94 މީހުންގެ މަޢުލޫމާތަށްވުރެ ވަރަށް ބޮޑަށް މަދު ޢަދަދެކެވެ. ފައިޒާއިން ބުނެފައިވަނީ ތަހުލީލުގައި ބައިވެރިވާ މީހުންގެ ތެރެއިން 164 މީހުންނަށް ބަލިޖެހެން ދެން ދިރާސާތައް ކުރިއަށް ގެންދާނެކަމަށެވެ.

ސްޕަޓްނިކް 5 ވެކްސިންގެ ތަހުލީލުތަކަށް ޙަރަދުކުރާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ބުނީ ރަޝިޔާގެ ތަހުލީލުތައް އިތުރު ހަ މަސް ދުވަހަށް ދެމިގެންދާނެކަމަށެވެ.

މެއިންޒް ޔުނިވަސިޓީގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ޑެޕިއުޓީ ޑިރެކްޓަރު ބޯޑޯ ޕްލަޗާ ވިދާޅުވީ މިދިޔަ ހަފުތާގައި ފައިޒާގެ ވެކްސިނާއި ބެހޭ މަޢުލޫމާތު އާންމުކުރުން ސްޕަޓްނިކް 5އާއި ގުޅޭ މަޢުލޫމާތު ހާމަކުރުމަށް ސިޔާސީ ފިއްތުންތައް އައިސްފައިވާކަމަށް ޤަބޫލުކުރެވޭކަމަށެވެ. މިވަގުތަށް ބޭނުންވަނީ ގިނަ ޢަދަދެއްގެ މީހުންގެ ޙާލަތަށް ބަލައި އެއްކޮށްފައިވާ މަޢުލޫމާތުކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ވެކްސިން ތައްޔާރުކޮށްފައިވާ މަގަލެޔާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު އެލެކްސެންޑާ ގިންޓްސްބާގު ވިދާޅުވީ އިބްތިދާއީ ނަތީޖާތަކުން ވެކްސިންގެ ކާމިޔާބުކަން ހާމަވާކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގައި ރަޝިޔާގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށޭނެކަމަށެވެ. މިހާތަނަށް 45،000އެއްހާ މީހުންނަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާ މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ވެކްސިން ތައްޔާރުކޮށްފައިވާ ހަލުވި މިނާއި މެދު ސައިންސްވެރިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ވެކްސިންގެ ރައްކާތެރިކަމާއި މަސައްކަތްކުރާ މިންވަރު ފުރިހަމައަށް ޔަޤީން ނުވަނީސް ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދިނުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ. ވެކްސިނެއް އުފެއްދުމަކީ މުބާރާތެއް ނޫންކަމަށާއި އެންމެ ރަނގަޅު ފެންވަރުގެ ވެކްސިނެއް ތައްޔާރުކުރުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަން ވާނެކަމަށް ސައިންސްވެރިންވަނީ ފާހަގަކޮށްފައެވެ.