ކުޅިވަރު

ފްރީ ސްޓައިލް ކުރިއެރުވުމަށް މުހައްމަދު ސައިފް ޒާހިރުގެ އަމިއްލަ ބްރޭންޑެއް


ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް މުހައްމަދު ސައިފް ޒާހިރު އޭނާގެ އަމިއްލަ ބްރޭންޑެއް ތައާރަފް ކޮށްފިއެވެ.

ސައިފް ޒާހިރަކީ ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލުގެ ޗެމްޕިއަކަންކަން ދެ ފަހަރު ހޯދާފައެވެ. ސައިފްގެ މި ބްރޭންޑް ލޯންޗު ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާރ ޕޮލިސީ ޑިރެކްޓަރ އަހްމަދު އިރާޝްއެވެ. ސައިފްގެ މި ބްރޭންޑް ލޯންޗު ކޮށްފައި މިވަނީ އޭނާގެ 30 ވަނަ އުފަން ދުވަހާއި ގުޅުވައިގެންނެވެ. މި ބްރޭންޑްގެ ނަމަކީ މުހައްމަދު ސައިފް ޒާހިރެވެ.

ރާއްޖޭގައި ފުޓްބޯޅަ ފްރީ ސްޓައިލް ކުރާ އެތްލީޓުންގެ ތެރެއިން ސައިފްވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށްފައެވެ. ސައިފް މިހާރުވެސްދަނީ ފްރީ ސްޓައިލަށް ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބްރޭންޑް ލޯންޗް ކުރުމަށްފަހު ސައިފް ބުނީ މިބްރޭންޑް ލޯންޗު ކުރެވުމާއެކު ރާއްޖޭގައި ފްރީ ސްޓައިލް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެކަމަށާއި އެގޮތުން އެންމެ ފުރަތަމަ ވެސް މި ބްރޭންޑްގެ ދަށުން ކުރަން ރާވާފައިވާ ކަމަކީ ފްރީ ސްޓައިލް އެކަޑަމީއެއް އުފެއްދުން ކަމަށެވެ. އަދި މި މަސައްކަތް އިތުރަށް ފުޅާ ވަމުންދާ ވަރަކުން އިތުރު ކޯޗުންގެ އެހީތެރިކަމާއެކު ގިނަ ކުދިންތަކެއް ފްރީ ސްޓައިލަށް ތަމްރީން ކުރުމަކީ އޭނާގެ އުއްމީދު ކަމުގައިވެސް ސައިފް ބުންޏެވެ.

ސައިފަކީ ޔޫތު ކައުންސިލްގެ ވެސް މެންބަރެކެވެ. އެހެންކަމުން ސައިފްގެ މި ބްރޭންޑްގެ މަސައްކަތްތައް ބިނާ ވާނީ ހަމައެކަނި ފްރީ ސްޓައިލްގެ މައްޗަށް ނޫންކަމަށް ސައިފް ފާހަގަކުރިއެވެ. ސައިފް ވަނީ ދެ ބްރޭންޑް އެމްބެސެޑަރަކާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އަލްފާ ޑެން އަދި ކެޕްޓަން މޯލްޑިވްސްއެވެ.