ދުނިޔެ

ކޯވިޑް-19: ނަމްބަރުތަކާއި ޙާލަތު ދުނިޔޭގެ އެކި ހިސާބުން


އޮސްޓްރިއާ:

ކޯވިޑް-19އާއި ގުޅިގެން އޮސްޓްރިއާގެ ޙާލަތު ގޯސްވާތީވެ އެ ޤައުމު އަނެއްކާވެސް ފުރަބަންދުކުރުމަށް ނިންމައިފިއެވެ. ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ އުސޫލުތައް އަލުން ރުޖޫޢަކުރުމަށް އޮސްޓްރިއާއިން ނިންމާފައިވަނީ މަދުވެގެން 20 ދުވަހުގެ މުއްދަތަށެވެ.

އެ ނިންމުން ނިންމާފައިވަނީ އޮސްޓްރިއާގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް އަމާޒުކޮށްފައިވާ ނިސްބަތަށްވުރެ އެ ނިސްބަތް ދިހަ ގުނައަށް އިތުރުވުމުންނެވެ. އައު ފިޔަވަޅުތައް އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ޗާންސެލަރު ސެބާސްޝަން ކްރޫޒްވަނީ އަލަށް ބަލިޖެހޭ މީހުން ހޯދައި ދެނެގަތުމުގައި ސަރުކާރުން ނާކާމިޔާބުވަމުންދާކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ބަލިޖެހޭ މީހުންގެ ތެރެއިން 77 އިންސައްތަ ކޭސް ދެނެގަތުމަށް ސަރުކާރުން ނުކުޅެދިފައިވާކަމަށާއި އޭގެ މާނައަކީ ބަލި ފެތުރެނީ ކޮން ސަރަޙައްދުތަކެއްގައިކަން މިހާރު ސަރުކާރަށް ނޭނގޭކަމަށެވެ.

ގްރީސް:

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގްރީސްގައި 3،038 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ ކޯވިޑް-19 ފެތުރެން ފެށީއްސުރެ ގްރީސްގައި އެއްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ދެވަނައަށް އެންމެ މަތިވި ޢަދަދެވެ. ގްރީސްގައި ބަލިފެތުރޭ މިންވަރު އިތުރުވަމުންދާތީ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ގްރީސްގެ ހުރިހާ ޕްރައިމަރީ ސްކޫލުތަކާއި ޕްރީ ސްކޫލުތައް ބަންދުކުރުމަށް އެ ޤައުމުންވަނީ ނިންމާފައެވެ.

ގްރީސްގެ ތަޢުލީމާއިބެހޭ ވަޒީރު ނިކީ ކެރެމީސް ވިދާޅުވީ މަދަރުސާތައް ބަންދުކުރުމަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިކަމަށާއި އޭގެ މައިގަނޑު ބޭނުމަކީ ބޮޑެތި މީހުން ބޭރު ތެރެއަށް ނުކުންނަންޖެހޭ މިންވަރު މަދުކުރުންކަމަށެވެ. ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވަމުންދާތީ ބަލި ފެތުރޭ މިންވަރު އަވަހަށް ދަށްކުރުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޕޯލެންޑް:

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޯލެންޑުގައި ރެކޯޑު ޢަދަދެއްގެ މީހުންވަނީ ކޯވިޑް-19ގެ ސަބަބުން މަރުވެފައެވެ. އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގައި އިއްޔެ އެކަނި 548 މީހުން ކޯވިޑްގެ ސަބަބުން މަރުވެފައިވާކަމަށެވެ. އެ ޤައުމުގައި މުޅި ޖުމްލަ 10،045 މީހުން މިހާތަނަށް މަރުވެފައިވާއިރު އެއީ ކޯވިޑްގެ ސަބަބުން ވިލާތުގެ އިރުމަތީ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޢަދަދެވެ.

ރަޝިޔާ:

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގައި 22،702 މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ. އެއީ އެ ޤައުމުގައި ކޯވިޑް ފެތުރެން ފެށީއްސުރެ މިހާތަނަށް އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ. އިއްޔެއާއި ހަމައަށް އެ ޤައުމުގައި ޖުމްލަ 1،903،253 މީހުންނަށް ބަލިޖެހި އެ ބަލީގައި 32،834 މީހުންވަނީ މަރުވެފައެވެ.

އިޓަލީވިލާތް:

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުގައި 37،255 މީހުންނަށް ކޯވިޑް ޖެހި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 1،144،552އަށް އިތުރުވެފައެވެ. އިޓަލީވިލާތުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް ޖެހިގެން މަރުވީ 544 މީހުންކަމަށެވެ. މި ޢަދަދުތަކަކީ ފާއިތުވި ދުވަސްތަކާއި އަޅައި ބަލާއިރު ކުޑަ ތަންކޮޅެއް ދަށް ޢަދަދުތަކެއް ނަމަވެސް އެ ޤައުމުގެ ޙާލަތު ރަނގަޅުވާން ފަށައިފައިވާކަމަށް ބުނަން އަދި އަވަސްކަމަށް ކަމާއިބެހޭ މާހިރުންވަނީ ފާހަގަކޮށްފައެވެ.

އީރާން:

ކޯވިޑް-19އާއި ދެކޮޅަށް އީރާނުގައި އަޅާފައިވާ ފިޔަވަޅުތައް ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އިތުރު ސަރަޙައްދުތަކެއްގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އައު ފިޔަވަޅުތައް ޤާއިމްކުރާ ސަރަޙައްދުތަކުގެ ތެރޭގައި 100 އަވަށަކާއި ސިޓީ ހިމެނެއެވެ.

އަލަށް އަޅާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ބަލިފެތުރޭ މިންވަރު އިތުރުވާތީވެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީގެ ބެއްލެވުމުގެ ދަށުން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައިކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަޒީރުގެ ނައިބު ޢަލީ ރިޒާ ރައީސީ ވިދާޅުވިއެވެ. އައު ފިޔަވަޅުތަކުގެ ދަށުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައްދޭ ވިޔަފާރިތައް ބަންދުވާނެއެވެ. ވެރިކަންކުރާ ސިޓީ ތެހްރާނުގައި މާސްކު ބޭނުންކުރުން ލާޒިމްކުރާ ޤަވާއިދު އަދިވެސް ދެމިއޮންނާނެކަމަށް ރައީސީ ވިދާޅުވިއެވެ.