ކުޅިވަރު

އަންނަ އަހަރު އިންޑޯ ވޮލީ ކޯޓްގެ މަސައްކަތް ފެށޭނެ: މިނިސްޓަރ މަޙްލޫފު


މިއަންނަ އަހަރުގެ ކުރީކޮޅުގައި އިންޑޯ ވޮލީ ކޯޓްގެ މަސައްކަތް ފެށިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވޮލީ ކޫޅޭނެ ތަނެއް ނެތިގެން ވޮލީ އާއިލާއިން މީގެ ކުރިން ވަރަށް ބޮޑަށް ޝަކުވާކޮށްފައިވެއެވެ. އެކުވެނި އައުޓްޑޯގައި ވޮލީ ކުޅެމުންދަނިކޮށް ޓެނިސް ކޯޓްއެއް އެޅުމަށް އެތަންވަނީ ނަގާފައެވެ. މިހާރު އެތާނގައިވަނީ ހަތަރުވަނަ ޓެނިސް ކޯޓެއް ހަދާފައެވެ.

ޔޫތް މިނިސްޓްރީން ވޮލީ ކުޅުމަށް ޓީޗަރުންގެ ފްލެޓްއާއި ޖެހިގެން އޮންނަ ބިމުގައިވަނީ ދެ ވޮލީ ކޯޓް އަޅާދީފައެވެ. އަދި ކުރީގެ ރުމާލު ދޭ ޖަގަހަ އިން ތަނުގައި އިންޑޯ ވޮލީ ކޯޓްއެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ޔޫތް މިނިސްޓްރީވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ވޮލީ ކޯޓްއެއް އެޅުމަށް ޔޫތް މިނިސްޓްރީންވަނީ ވިލީ ފުލުސް ކުރިމަތީގައި އޮންނަ ބިމުން ބައެއް ދީފައެވެ. ނަމަވެސް ވޮލީ ކޯޓް އަޅަމުންދަނިކޮށް ބަޔަކު ތަކެއްޗަށް ގެއްލުން ދިނުމުގެ ސަބަބުން، އެމަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ. އިންޑޯ ވޮލީ ކޯޓް އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް މުޅި ދުނިޔެއަށް ދިމާވި ކޮވިޑް19ގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކަކާއި ކުރިމަތިލާންޖެހުނެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ސަރުކާރަށް 2 އަހަރު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ހިމެނިގެން މިއަންނަ އަހަރުގެ ކުރީކޮޅުގައި އެމަސައްކަތް ފެށުމަށް މަަސައްކަތް ކުރާނެކަމަށެވެ. އަދި މިސަރުކާރުން އެއްވެސް ކުޅިވަރެއް ބާކީ ނުކުރާނެކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ވޮލީގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ހުޅުމާލޭގައިވަނީ ބީޗް ވޮލީ ކޯޓެއްވެސް އަޅާފައެވެ.