މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްއިން ޑޭކެއަރ ސެންޓަރުތައް ހުޅުވުމަށް ހުއްދަދީފިއެވެ.
ޑޭކެއާ ސެންޓަރުތައް ހުޅުވުމަށް ހުއްދަ ދންނަމަވެސް ކުޑަކުދިން ކުޅޭ ސާމާނުގެ ގޮތުގައި ސޮފްޓް ޓޯއިސް ބޭނުން ނުކުރުމަށް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް-19ގެ ހާލަތުގައި މާލޭގައި ހިންގާ ޑޭ ކެއާ ސެންޓަރުތަކުގެ ޚިދުމަތް ފެށުމުގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލައި ނެރުނު އުޞޫލްގައި ވަނީ ސޮފްޓް ޓޯއިސް ބޭނުންނުކުރުމަށާއި އެހެނިހެން ކުޅޭ ސާމާނު ބޭނުން ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް ދޮވެ ހިއްކުމަށް އިލްތިމާސްކުރައްވާފައެވެ. މި އުޞޫލްގައި ވަނީ ކުދިން ކުޅޭ ސާމާނު ކޮންމެ ގްރޫޕެއް ނިމުމުން ވަކިން ސައިބޯނިލާ ސާފު ކުރަން ޖެހޭނެކަމަށެވެ.
އަދި ކޮންމެ ގްރޫޕެއްގައި ތިން ކުދިން ނުވަތަ ހަތަރު ކުދިންނަށް ވުރެ ގިނަ ކުދިން ތިބެގެން ނުވާނެ ކަމަށާއި ކުދިން ބަލަހައްޓާ މީހުންގެ ޑިއުޓީ ބަހާފައި ހުންނަން ވާނީ އެކަކު އަނެކަކާ ދިމާ ނުވާ ގޮތަށް ކަމަށްވެސް އުސޫލުގައި ބަޔާންކުރައްވާފައި ވެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ޑޭ ކެއަރ ސެންޓަރ ތައް ހުޅުވުމުގެ ހުއްދަދޭނީ މި އުޞޫލާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ތަންތަނަށްކަމަށެވެ. އެގޮތުން އެ ތަންތަނަށް 30 ނޮވެންބަރުން ފެށިގެން ހުއްދަ ދެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
ޑޭ ކެއާގެ ޚިދުމަތްތައް ފަށާއިރު، ކޮންމެ ޝިފްޓެއްގެ ކުރިން ތަން ޑިސްއިންފެކްޓް ކުރަން ޖެހޭއިރު ވަންނަ ދޮރު ކައިރީ އަތް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްކޮށްފައި ހުންނަން ވާނެކަމަށް އުޞޫލްގައު ބަޔާންކޮށްފައި ވެއެވެ. އަދި މޭޒާއި ގޮނޑީގެ އިތުރުން ހިފާ ގެންގުޅޭ ތަކެތި ފަދަ ގިނައިން އަތްލާ ތަންތަން ކޮންމެ ދެ ގަޑިއަކުން ސާފު ކުރަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.
ޖެންޑަރ މިނިސްޓްރީގެ އުޞޫލްގައު ވަނީ ކޯވީޑް 19 ގެ އެއްވެސް އަލާމާތެއް ފެންނަނަމަ އެމީހަކު ޑިއުޓީއަށް ނުނިކުތުމަށާއި ކުދިން ބަލަހައްޓާ މުވައްޒަފުން، ކުދިން ބަލަހައްޓާ ގަޑިތަކުގައި ތިބެން ވާނީ ސާޖިކަލް މާސްކު އަޅައިގެން ކަމަށާއި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ފޮތި މާސްކު އެޅުމަކުން މައްސަލައެއް ނެތް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ސިއްޚީ ސަލާމަތަށްޓަކައި ކުދިން ބަލަހައްޓާ ތަނަކަށް ބެލެނިވެރިން ވަދެ ނިކުމެ ހެދުމަކީ މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ކުއްޖަކު އުޅޭ ގެއެއްގެ މީހަކު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ހުރި ނަމަ އެ ކުއްޖަކު ޑޭ ކެއާ އަށް ނުގެން ދިއުމަށް ވަނީ އަންގާފައެވެ.