ވިޔަފާރި

ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް މާލެ ސަރަހައްދުން 44 ތަނަކަށް ހުއްދަ ދީފި


ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް މާލެ ސަރަހައްދުން 44 ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 44 ތަނަކަށް ވަނީ މި ހުއްދަ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 17 ތަނަކާއި، ހުޅުމާލޭގެ 26 ތަނެއްގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓެލްއެވެ.

ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެނީ އެކަމަށް ޚާއްސަކޮށްފައިވާ ގައިޑްލައިނާއި އެޗް.ޕީ.އޭގެ މިންގަޑުތަކަށް ފެތޭ ތަންތަނުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ތަންތަނަށެވެ.

މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހުވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައްވެސް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ. މިހުއްދަތައް ދީފައިވަނީވެސް ވަކި ޚާއްސަ ގައިޑްލައިންތަކަކާއި އެކުއެވެ.