ޚަބަރު

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި


އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަންއާއެކު މަޝްވަރާކުރައްވަފައިފިއެވެ.

މި ކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ލޯޑް އަހްމަދު މިއަދު ވަރޗުއަލްކޮށް ބޭއްވި ބައްދަލުކުރެއްވުމެއް ގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވިކަމަށެވެ.

އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް-26ގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވާފައި ވެއެވެ.

ހަމައެއާއެކު، އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުންނާއި، 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ލޯޑް އަޙްމަދުއާއި މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުންވެސް ދެޤައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެޤައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިިނިސްޓްރީން ވިދާޅުވިއެވެ.