ކުޅިވަރު

ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ކުރަން ފުރުސަތު ނުދޭނަން: މިނިސްޓަރ މަޙްލޫފު


ވަޒީރުކަން ދޫކޮށްލާފަ ގެއަށް ދާންޖެހުނަސް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަށް ސިޔާސީ ކުރަން ފުރުސަތު ނުދޭނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ވައުދުފުޅުތަކުގެ ތެރެއިން ކުޅިވަރު ސިޔާސީ ނުކުރުމަކީ އެންމެ މުހިންމު އެއް ވައުދެވެ. މިއަހަރަކީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ކުރިއަށް ގެންގޮސް ނިމުނު އަހަރެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ ގައުމީ އެސޯސިއޭޝަންތައް މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުމުން، އެސޯސިއޭޝަންތައް ހިނގާ ގޮތާއި ހޯދާކާމިޔާބީތައް މާގިނަކަމަށެވެ. އަދި އެކަން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން އެކަނިވެސް ސާބިތުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދާއި ރާއްޖޭގެ ގާނޫންތަކާއި ޚިލާފު ނުވާ ހިދެއްގައި މިނިސްޓްރީން އެސޯސިއޭޝަންތަކުގެ ކަންތައްތަކަށް އަތް ބޭނުމަކީ ރަގަނޅު ގޮތެއް ނޫންކަމަށާއި އެސޯސިއޭޝަންތަކަށް އިންތިޚާބް ކުރަންވީ ފަރާތްތަކާއި ގައުމީ ޓީމްގެ ކޯޗުންނަށް އައްޔަން ކުރަންވީ މީހުން މިނިސްޓްރީން ނިންމާ ހިސާބަށް ދާނަމަ، އެއީ އެންމެ ރަގަނޅު ގޮތް ނޫންކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ ކުރިން ކުޅިވަރުގައި ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވުނުކަމަށާއި ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަން ކުރިނަމަވެސް، އޭގެ މަނައަކީ ކުޅިވަރުތައް ހިންގަން ވީގޮތް ޔޫތު މިނިސްޓަރަކަށް ހުންނަ ބޭފުޅަކަށް އެގުން ނޫންކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.