ލޮނު ޒިޔާރާތްކޮޅުގައި ތަރައްޤީކޮށްފައިވާ ލޮނުޒިޔާރަތް ޕާކަށް މިހާތަނަށް ބާރަހާހަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތް ކުރާ މީހުންގެ މައުލޫމާތު ސިޓީކައުންސިލުން ބަލަހައްޓަމުން ދާއިރު އެކައުންސިލުން ވިދާޅުވީ، 12،773 (ބާރަހާސް ހަތްސަތޭކަ ހަތްދިހަ ތިން) މީހުން މިހާތަނަށް ޕާކަށް ވަދެފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ ޕާކަށް ވަންނަ މީހުން ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލަށް އަމަލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ލޮނު ޒިޔާރަތް ޕާރކް ހުޅުވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އާއްމުންނަށް ޕާކު ހުޅުވާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. ލޮނުޒިޔާރާތް ޕާކު ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30އަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ޕާކުތެރޭގައި ކުނިއަޅަން ވާނީ އެކަމަށް ޚާއްސަކޮށް ބަހައްޓާފައި ހުރި ކުނިއަޅައި ވަށިގަނޑުތަކަށް ކަމަށާއި ޕާކަށް ދާއިރު ފެން އެޅުމަށްޓަކައި ފެން އަޅާ ފުޅި އަމިއްލައަށް ގެންނަންވާނެ ކަމަށެވެ. އަދި ޕާކުތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއެ ހެދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އުޞޫލުގައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ޕާކު ތެރޭގައި ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ތޫނު ތަކެތި ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ޕާކު ތެރެއަށް ވެއްދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، ޕާކަށް ވަނުމުގެ ކުރިން އަދި ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރާނެކަމަށެވެ. އަދި ޕާކުތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރަން ވާނެކަމަށާއި މީހުންގެ ނުރުހުމުގައި ގަނާކޮށް ފޮށި އެހެންމީހެއްގެ ގައިގައި އަތްލާ ހަދައިގެން ނުވާނެކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ވަނީ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ޕާކަށް ނުދިއުމަށާއި ޕާކް ތެރޭގައި އުޅޭ ހުރިހާ ވަގުތު ތަކުގައިވެސް ސައިބޯނި ލައިގެން އަތް ދޮވުމަށް ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް އިލްތިމާސްކުރައްވާފައެވެ.