ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫ.އެން އޯ.ޑީ.ސީ)ގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ހަދިޔާކުރި އެ ތަކެތި ޔޫ.އެން އޯ.ޑީ.ސީގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްދެއްވީ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ޔޫއެންއޯޑީސީއާއި ޖަޕާން ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ މުވާސަލާތީ ނިޒާމް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ގޮސްފައި ވަނީ 2004 ވަނަ އަހަރުގައި ކަން ފާހަގަކުރައްވާ ބޭރުގެ ހިލޭއެހީގެ ދަށުން އޭރު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި މުވާސަލާތީ ނިޒާމް ގާއިމުކޮށްފައިވާ ކަމަށާ އަދި ޒަމާނީ ބަދަލުުތަކާއެކު މި ނިޒާމް މިހާރު ރާއްޖޭގެ 16 ސަރަހައްދަކަށް ފުޅާވެގެންގޮސްފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާކަމުގައި ސީޕީ ހަމީދު ވިދާޅުވިއެވެ. އެގޮތުން ފްރަންޓްލައިން ޓެކްނޮލޮޖީއެއް ގާއިމްކުރުމާއި، ވަރޗުއަލް ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ އިތުރުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރުކުރުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަސްޓަމް ސޮފްޓްވެއަރއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީ އާއި ޖަޕާން އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ކޯޕަރޭޝަން ނައުކޯ ޔުޒާވާ ބައިވެރިވެލެއްވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް، ޔޫއެންއޯޑީސީގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.