ޚަބަރު

ބަޖެޓަށް ވޯޓު ނުދޭނެކަމަށްބުނެ އެހީގެ ދޮރުތައް ބަންދުކުރަން މެންބަރުން މަސައްކަތްކޮށްގެން ނުވާނެ: ޤާސިމް


މިހާލަތުގައި ސަރުކާރުންކުރާ މަސައްކަތްތަކަށް ފުރުސަތު ނުދީ ބަޖެޓް ކުޑަކޮށް ބަޖެޓަށް ވޯޓު ނުދޭން މަޖިލިސް މެންބަރުން އުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ޤަވަރުނަރުގެ މަޤާމުވެސް ފުރުއްވި، ޤާސިމް އިބްރާހީމް އަމިއްލަ މީޑިއާއެއްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ ކޯވިޑް-19ގެ މިހާލަތަށް އެންމެ ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް ބަޖެޓުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބަޖެޓް ކުޑަކޮށް، ބަޖެޓް ފާސްކޮށްގެން ނުވާނެކަމަށް ވިދާޅުވާތީ ޤާސިމްވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

މިއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރަންއޮތް ވަގުތުންކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ ބައެއް މެންބަރުން އެމެންބަރުންގެ ދާއިރާތަކަށް މަޝްރޫޢުތަށް މަދުވެގެން ނުވަތަ ބައެއް މަޝްރޫޢުތައް ނުފަށައިގެން މަސައްކަތްކުރިނަމަވެސް އިޤްތިޞާދީގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި ހުރިހާ ރަށެއްގައި އެއްވަރަކަށް ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.

"ބަޖެޓަކީ އަންދާޒާއެއްގެ މައްޗަށްކުރާނެ ޚަރަދު ލަފާކުރާ ލިޔެކިއުންތަކެއް. އެލިޔެކިއުންތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން، މަސައްކަތްކޮށްގެން އެލާރި ހޯދަން މަސައްކަތްކުރެވެނީ. ދެން ޚަރަދުތައްވެސް ކުރެވޭނީ ލާރިލިބިގެން. އެހެންވީމަ އެކަން ކުރެވެންއޮތް ދޮރު ބަންދުކޮއްލަން މެންބަރުން މަސައްކަތްކުރުމަކީ އެއީ ހެޔޮވާވަރުގެ ކަމެއް ނޫން" ޤާސިމް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި، ރާއްޖޭގެ ކުރިއެރުމަށް އެކި ރޮނގުރޮގުން ގިނަ މަސައްކަތްތަކެއް ފައްޓަވައިގެން އަހަރެއްހާ ދުވަސްވީތަނާއި ކޯވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުމުން ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި، އެހެންނަމެވެސް ލިބުނު މުއްދަތުގައި ސަރުކާރަށް މުހިއްމު މަސައްކަތަކެއް ކުރިވިފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ލިބެންޖެހޭ މިންވަރަށް ފުރުސަތު ލިބޭތޯ ސުވާލުކުރުމުން ޤާސިމް ވިދާޅުވީ، މީގެ ކުރީން ހެދި ކޯލިޝަންތަކާއި އަޅާބަލާއިރު ރައީސް ޞާލިޙްގެ ސަރުކާރާއެކު 2 އަހަރުދުވަސް ހޭދަކުރެއްވިއްޖެކަމަށެވެ. ދާދިފަހުން ހެލްތް މިނިސްޓަރަކު އައްޔަނުކުރުމަށް ރައީސް މަޝްވަރާކުރެއްވިކަމަށް ވިދާޅުވެ ޤާސިމް ވިދާޅުވީ އެކަމުގައި ރައީސް އެދިވަޑައިގެންނެވިގޮތަށް އެއްބަސްވީ މަސްލަޙަތު ހިމާޔަތްކުރުމަށް ކަމަށެވެ. ނަމަވެސް ކޯލިޝަންގެ ބައެއް ނިންމުންތަކުގައި އެމްޑީޕީން އަމަލުކުރާ ގޮތްތާއި މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި ޤާސިމް ވަނީ ކޯލިޝަނުން ބޭރުކުރަންޖެހޭ ޖުމްހޫރީ ޕާޓީން ސަރުކާރާއިއެކު އޮންނާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާސިމް އިބްރާހީމް ވަނީ ރާއްޖެއަށް އެހީވެދޭ ބޭރުގެ ޤައުމުތަކަށް ކުޑައިމީސް ބަސް ރައްދުކުރާ ފަރާތްތަކުން އެކަން ނުކުރުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށާއި ބަރުލަމާނީ ނިޒާމެއް އޮވެއްޖެނަމަ ދިމާވާނެ މައްސަލަތައްކަމަށް ޤާސިމް ޤަބޫލުކުރާ ބައެއްކަންންވެސް މި ޕްރޮގްރާމްގައި ޤާސިމްވަނީ ވިދާޅުވެފައެވެ.