ކޯވިޑް-19

ކޯވިޑް-19 : ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ޢަދަދު އިތުރުވެ، ހާލަތު ގޯސްވެދާނެ ކަމުގެ ބިރު


ފްލޫ ކްލިނިކްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 9އަށް މައްޗަށް އަރާފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތު ދެނެގަތުމަށް ކޮންމެ ހަފްތާއަކުވެސް ބަލަމުންދާ އިންޑިކޭޓާސްތަކުގެ ތެރެއިން އަނެއްކާވެސް ކަންބޮޑުވާންޖެހޭފަދަ ޓްރެންޑެއް ފެންނަމުންދާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ އާއި އަޅާބަލާއިރު، މި ހަފްތާގައި ފްލޫ ކްލިނިކްތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މައްޗަށްގޮސްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު މި ޢަދަދު ހުރީ 9 އިންސައްތައިގައި ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދިވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މި ނިމުނު ހަފްތާގައި ޖުމްލަ ފްލޫ ކްލިނިކް ޕޮޒިޓިވިޓީ މިވަނީ 9 ޕަސެންޓަށް އަރާފައި އަނެއްކާވެސް. މިއީ ލެވަލް ވަން. ލެވަލް ވަންގައި ހުރިކަމަށްވީނަމަވެސް ހަމަ ލެވަލް ޓޫ އާއި ވަރަށް ކައިރީގައި މި އުޅެނީ. އަޅުގަނޑުމެން މި ބަލާ ހުރިހާ އިންޑިކޭޓާސްތަކުގެ ތެރެއިން ކޭސްތައް އިތުރުވަމުންދާނަމަ ނުވަތަ ޙާލަތު އިތުރަށް ގޯސްވަމުންދާނަމަ އެންމެ ފުރަތަމަ މައްޗަށްދާނެ އިންޑިކޭޓަރއަކީ މިއީ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. އެހެންވީމަ ފްލޫ ކްލިނިކް ޕޮޒިޓިވިޓީ މައްޗަށްދާކަމަށްވަންޏާ އޭގެ މާނައަކީ އަޅުގަނޑުމެން އަދި ވަރަށް ބޮޑަށް އެބަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދޭންޖެހެޔޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތަށްބަލައި، ޚާއްސަ ގައިޑްލައިންތަކަކާއިއެކު ބޮޑެތި ލުއިތަކެއްދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތުގައި ނޭޅުމުގެ ސަބަބުން ބޮޑެތި ކްލަސްޓަރތައް ފެންނަމުންދާ މިންވަރުވެސް އިތުރުވެފައި ވާކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް އަދިވެސް ފާހަގަ ކުރެވެނީ މަސައްކަތުގެ މާޙައުލުގައިކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ބައެއް ކްލަސްޓަރތަކުގައި ބަލި ފެތުރުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ބަލީގެ ޢަލާމަތްތައް ހުރެވެސް ޓެސްޓުނުކޮށް ވަޒީފާއަށް ނުކުމެ އެހެން މީހުންނާއެކު އުޅެ އަދި ޚާއްސަކޮށް ރައްކާތެރިކަމަށް މި އަޅަންޖެހޭ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ސަމާލުކަން ނުދެވޭތީ. ބައެއް ފަހަރު ޚާއްސަކޮށް އޮފީސް މާޙައުލުގައި މަސައްކަތް ކުރާއިރުގައި ދުރު ދުރުގައި ޑެސްކުތައް ބެހެއްޓިގެން ކުރިޔަސްވެސް ސައިބޯ ގަޑިކަހަލަ ގަޑިގަޑީގައި އެންމެން އެއްކޮށް މާސްކު ނަގައިގެން ކައިކައިރީގައި ތިބެގެން އެބަ ސައިބޮއިހަދާ. ވައިރަސް އަރަން ހަމަ ކުޑަކުޑަ ފުރުޞަތެއް ބޭނުންވަނީ. އެހެންވީމަ ކިތަންމެ ކުޑަ ވަގުތުކޮޅަކަށްވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން މުހިއްމު" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ ދީފައިވާ ލުއިތަކާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ބޯލެނބުން ވަރަށް މުހިއްމުކަމަށެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިކަމަށްވާނާމަ ވަޒީފާއަށް ނުގޮސް، މީހުންނަށް ޒިޔާރަތްނުކޮށް، ބޭރަށް ނުނިކުމެ، ހަމައެކަނި ފްލޫ ކްލިނިކަށް ވަޑައިގެން ޓެސްޓްކުރެއްވުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އަދި ސާމްޕަލްގެ ނަތީޖާ ލިބެންދެން ގޭގައި މަޑުކުރެއްވުމަށާއި، ނެގެޓިވް ރިޒަލްޓެއް ލިބުނީމަ ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ޑރ. ނަޒްލާ ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހުގައި އަނެއްކާވެސް ހާލަތު ގޯސްވެދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.