ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފި


ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމާއި ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންކަމަށް ފާސްކުރި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވަނީ މިދިޔަ 2019ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގެދަށުން ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް ބަލައި ކުރިއަށްގެންދަން ޖެހޭނީ އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅާ އުސޫލަކުންނެވެ. އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިވާފަދަ ނިޒާމެއް މިޤާނޫނުގެ ދަށުން އުފައްދަން ޖެހެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު މިޤާނޫނުގައި ބުނެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއުފައްދައި އެ ޢިދާރާ މިއަދުވަނީ ރަސްމީކޮށް ހުޅުވާފައެވެ.

އަދި މިޤާނޫނުގެ ދަށުން ކުޑަކުދިން ކުރާ ޖިނާއި ކުށުގެ މައްސަލަތައް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި، މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހޭނެ އެވެ.

މި ޤާނޫނުގައިވާގޮތުން ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންމަށް ކަނޑައަޅާފައިވާއިރު، މި ގާނޫނު ބުނާ ގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އުމުރުން 15 އަހަރުވުމުންނެވެ.

މި ޤާނޫނަށް އަމަލު ކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބައިތިއްބާނެ މަރުކަޒުތައް ހެދުމަށްވެސް ޤާނޫނުގައި ލާޒިމުކުރެއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް، ޔޫއެންއޯޑީސީން ރާއްޖޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހިނގާގޮތް ބެލުމަށްފަހު އާންމުކުރި ޕްރިލިމިނަރީ ހޯދުންތަކެއްގައި އެޖަމިއްޔާއިން ވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ، ކުށުގު މާޙައުލަށް ހުށަހެޅޭ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގައި ފުރިހަމަ ފިޔަވަޅުތަކެއް އެކަށައެޅިފައިވާ ޤާނޫނެއް ކަމަށް ވިދާޅުވެފައެވެ.