ޚަބަރު

ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަން ވާނީ ލިބިފައިވާ ހުނަރެއް ތަރައްޤީކުރަން: މިނިސްޓަރ ޔުމްނާ


ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންވާނީ އެކުއްޖަކަށް ލިބިފައިވާ ހުނަރެއް ތަރައްޤީކުރުމަށްކަމަށް ޖެންޑަރ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖްގައި ޖެންޑަރ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ޚާއްސަކުއްޖެއްކަމަށާއި އަދި ކޮންމެ ކުއްޖަކަށެވެސް ޚާއްސަ ހުނަރެއް ލިބިފައިވާނެކަމަށެވެ.

ލިބިފައިވާ ހުނަރެއް ތަރައްޤީކުރަން ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ކޮންމެ ކުއްޖަކީވެސް އޯގާތެރި އަޅާލާ އެކަކު އަނެކަކަށް އިޙްތިރާމްކުރާ ކުއްޖަކަށް ވާންޖެހޭނެކަމަށެވެ.

"ކޮންމެ ކުއްޖަކީވެސް ޚާއްސަ ކުއްޖެއް. ޚާއްސަ ހުނަރެއް ލިބިފައިވާ ކުއްޖެއް. އެ ކުއްޖަކު މަސައްކަތް ކުރަންވާނީ އެކުއްޖަކަށް ލިބިފައިވާ ހުނަރެއް ތަރައްޤީކުރަން" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުން ދާއިރު މިނިސްޓަރ ޔުމްނާ ވަނީ ބެލެނިވެރިންނަށްވެސް ޚާއްސަ މެސެޖެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ބެލެނިވެރިންވެސް ދެނެގަނެ އެކުއްޖެއްގެ ހުންނަ ތަފާތު ސިފަތަކާއި ހުނަރުތައް ދެނެގަނެ އެކަންކަން ކުރިއެރުޥޭނެ ފުރުސަތު ފަހިކުރުމަށް މަސައްކަތްކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންނާއި އެންމެ ގިނައިން ދިމާވާ އެކުދިންގެ މުދައްރިސުންވެސް ކުދިންގެ ކިބައިގައި ހުންނަ އެފަދަ ކަންކަން ދެނެގަނެ އެކަންކަން ކުރިއަރުވަން މަސައްކަތްކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ.

މުޖުތަމަޢު އަމާން ރައްކާތެރިތަނަކަށް ހެދުމަށް މިހާރުގެ ކުޑަކުދިންގެ ޖީލު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި އެކުދިންނަށް ރިވެތި ސިފަތައް ދަސްކޮށްދިނުމަށް މިނިސްޓަރވަނީ ބެލެނިވެރިންނަށް ގޮވާލައްވާފައެވެ.