ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން 150 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު ހާހަކަށްވުރެ އިތުރުވެއްޖެ


މިއަދު ރާއްޖެއިން 150 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަ ދުވަހުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 62 މީހުންނެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުންވަނީ 88 މީހުން ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށްފަޅުހުރާއިން ފެނިފައިވާ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި އިތުރު 79 މީހުން ހިމެނޭކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މިއާއެކު މިއަދުވެފައިމިވަނީ ސެޕްޓެމްބަރު އެކެއްގެ ފަހުން އެންމެ ގިނަ މީހުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދުވަހަށެވެ.

އެންމެ ފަހުން ޕޮޒިޓިވް މިވި 150 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 92 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 12758އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށަކުންނާއި، 32 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައި ވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 7 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 58 ފަތުރުވެރިއަކާއި، 233 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު މިބަލިން ރަނގަޅުވީ 16 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11615 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެނުނުތާ 261 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 46 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު އެއްހާހުން ދަށުގައި ހުންނަތާ ދުވަސްތަކެއްވެފައިވާއިރު އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވްކޭސްތަކުގެ ޢަދަދުމިވަނީ އަނެއްކާވެސް 1000އިން މައްޗަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 1090 އަރާފައުވާއިރު، 342މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 92 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހުުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ މީހުންގެ އިތުރުން އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ލ. ގަމުގައި 2 މީހުންނަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1717 ސާމްޕަލެއް ވަނީ ނަގާފައެވެ.