ޚަބަރު

ވިޔަފާރި އުޞޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ޙައްލެއް ހޯދަނީ


ވިޔަފާރި އުޞޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަންއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި، ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި ވިޔަފާރީގެ އުޞޫލުން އެސައިންމަންޓްތައް ހަދާ ދިނުމުގެ އިޝްތިހާރުކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ތަކުގެ ތެރެއިންވެސް މި މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަމަށެވެ.

ހަޔރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީތައުލީމާއި ތަމްރީންގެ ބިލު ފާސްވެ ތަސްދީޤުކުރެވޭ ހިސާބުން މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ. އަދި ދުނިޔޭގެ ތަހްޒީބުވެފައިވާ ބައެއް ޤައުމުތަކުގައި ވެސް މަތީތަޢުލީމު ފެންވަރު ހިފެހެއްޓުމަށްޓަކާ ހަދާ ޤާނޫނުތަކުން މި މައްސަލައަށް ހައްލު ހޯދައިގެން މިހާރުވެސް ކުރިޔަށް ދާކަން މިނިސްޓަރ ފާގަހަގަކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުޞޫލުން އެހެން ފަރާތްތަކާ ޙަވާލުކޮށްގެން ތައްޔާރުކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ދަތިތަކެއް ދިމާވެ މަތީތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ މަސައްކަތްކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުން މިކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.