ދުނިޔެ

ކޯވިޑް ޖެހިގެން ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ


ކޯވިޑް-19އަށް ފަރުވާ ހޯއްދަވަމުންދިޔަ ސޫދާންގެ ކުރީގެ ބޮޑުވަޒީރު، ޞާދިޤު އަލްމަޙްދީ އަވަހާރަވެއްޖެއެވެ.
އަލްމަޙްދީއަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ ކޯވިޑް-19 ޖެހިފައެވެ. ސޫދާންގެ ހަސްފަތާލެއްގައި ކުޑަ ދުވަސްކޮޅަކު ފަރުވާ ދިނުމަށްފަހު އޭނާވަނީ ޔޫއޭއީގެ ހަސްފަތާލަކަށް ބަދަލުކޮށްފައެވެ.

ޞާދިޤު އަލްމަޙްދީގެ ޢާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ ޔޫއޭއީގެ ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދިޔަތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށްކަމަށެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.

ޞާދިޤް އަލްމަޙުދީއަކީ ދިމުގުރާތީ ހަމަތަކުގެ މަތިން އައްޔަނުކޮށްފައިވާ ސޫދާންގެ ފުރަތަމަ ބޮޑުވަޒީރެވެ. ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައިވާ ޞާދިޤު އަލްމަޙްދީގެ ވެރިކަން ނިމުމަކަށް އައީ 1989ވަނަ އަހަރު ކުރީގެ ރައީސް އުމަރު އަލްބަޝީރު ބަޣާވާތްކުރެއްވުމުންނެވެ. އޭގެ ފަހުންވެސް އަލްމަޙްދީވަނީ އިދިކޮޅު ފަރާތެއްގެ ގޮތުގައިވެސް އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާފައެވެ.