ޚަބަރު

އައްޑޫ ސިޓީގައި އަމާންހިޔާ އެޅުމަށް ބިމެއް ހަމަޖައްސައި އެ މަސައްކަތް ފަށައިފި


ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވެދީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމަށް އައްޑޫ ސިޓީގައި ޤާއިމްކުރާ އަމާން ހިޔާގެ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައި އެ މަސައްކަތް ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިންނާއި އާއިލާ ތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އަމާންހިޔާގެ އިމާރާތާއި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒު ޤާއިމް ކުރާ އިމާރާތުގެ ބިން ހަމަޖެހިފައިވާކަމަށެވެ. އަދި އެ ބިން ބެލުމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދުއާއި ސްޓޭޓް މިނިސްޓަރ ފަޒުނާ ޝާކިރު އާއި މިނިސްޓްރީގެ ޓީމް އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް މަސައްކަތް ފަށާފައިވާކަމަށެވެ.

އަމާންހިޔާއަކީ ގެވެށި އަނިޔާއާއި އެކިބާވަތުގެ އަނިޔާއާއި އިހުމާލުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރާ ތަންތަނެވެ. އެގޮތުން އެތަންތަނަށް ގެންދާ މީހުނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އެއްވެސް ހައްޤަކަށް އުނިކަމެއް ނާންނާނެ ފަދައިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އާންމު ހާލަތައް ރުޖޫއަވުމައްޓަކައި އެމީހުންނަށް އެހީވުމާއި އަމާންހިޔާއަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ދިރިއުޅުން އަނބުރާ ގެނައުމަށް އެހީތެރިވެދިނުމަށް އެފަދަ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ދޭނެ މަރުކަޒުތައް ފަސް ރަށެއްގައި ގާއިމްކުރުމަށް ނިންމާފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުގެ ގޮތުގައި ފަސް ރަށެއްގައި ހުރި އަމާން ހިޔާތައް ކަނޑައަޅާފައިވާކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާންހިޔާއެވެ. އަދި މިހާރު މިތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ވިދާޅުވީ އެ މަރުކަޒުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އަމާންހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ، ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށެވެ.