ޚަބަރު

ވަރޗުއަލްކޮށް ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް 2000ވުރެ ގިނަ ކިޔެވުން ހުށައަޅައިފި


ވަރޗުއަލްކޮށް ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް 2539 މީހުން ކިޔެވުން ހުށައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށްޓަކައި މިހާތަނަށް 3055 ފޯމް ލިބިފައިވާކަމަށެވެ. އަދި މުބާރާތުގެ އޮޑިޝަން ބުރު މިހާރު ނިމިފައިވާކަމަށާއި އޮޑިޝަން ބުރުން ފައިނަލަށް ހޮވޭ މީހުންނަށް އެކަން އަންގަމުންދާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ފައިނަލް ބުރު އޮންނާނީ މިމަހުގެ 13 އިން 17 ވަނަ ދުވަހަށެވެ.

ފައިނަލަށް ދާ މީހުންގެ ކިޔެވުމުގެ ރެކޯޑިންގ https://portal.nchq.gov.mv ޕޯޓަލްއަށް ފޮނުވުމަށާއި މިޕޯޓަލްއަށް ރެކޯޑިންގ ފޮނުވަން ދަތިވާ ފަރާތްތަކުން 7321728 ނަމްބަރ ވައިބަރ ކުރުމަށް އިސްލާމިކް މިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ.

މިމުބާރާތުގެ އުމުރުފުރާތައް ބަހާލާފައިވަނީ 7 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 16 އަހަރުން ދަށް 19 އަހަރުން ދަށް 21 އަހަރުން ދަށާއި 21 އަހަރުން މަތީގެ ޢުމުރުފުރާއެވެ.

މިފަހަރުގެ މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން އަންހެން ފިރިހެންވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެކެޓަގަރީން ކޮންމެ ކެޓަގަރީއަކުން ހުރިހާ ޢުމުރުފުރާއެއް އެއްކޮށް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހުރިހާ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމުވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19ގެ މިހާލަތުގައި ގިނަ ދަތިތަކާއެކުވެސް ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް ނިންމީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.