ޚަބަރު

ވެންޓިލޭޓަރު މައްސަލަ އަލުން ރިވިއުކުރަނީ


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ފަށައިފިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި ދައުވާކުރުމަށް އެސީސީން ޕިޖީ އޮފީހަށް ހުށައެޅިއެވެ. އެސީސީގެ ތަހުޤީގުގައި ބުނެފައިވަނީ ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައިވަނީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށްކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ. މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވަނީ އެ މައްސަލަ ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާ، މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށެވެ. ޝަމީމުގެ މިނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އޭސީސީއާއި ކަމާގުޅުންހުރި ބައެއް ޢިދާރާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕީޖީ ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރިޕޯޓެއް އެކުލަވާލައި އެރިޕޯޓް މަޖިލީހުންވަނީ ފާސްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީޢު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ޕީޖީން ނިންމެވި ނިންމެވުމާއިމެދު އެންޓިކޮރަޕްޝަން ކޮމިޝަނާއި އަދި އެނޫންވެސް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން އެމައްސަލަ ރިވިއުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"މައްސަލައަކާމެދު ދަޢުވާނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުމަކާމެދު ކަމާގުޅުހުންހުރި އިތުރު މުޢައްސަސާތަކެއްގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިނަމަ އެކަން ބަލާނެ އަޅުގަނޑުމެންވެސް. އެހެންވެ އެމައްސަލަ ރިވިއުކުރުމުގެ ކަންކަން އޭސީސީއާއި ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މިދަނީ ކުރަމުން" ޝަފީޢު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށް ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އަބްދުﷲ އަމީންވަނީ އިސްތިއުފާ ދެއްވާފައެވެ.

އެގްޒެކިއުޓާސްއާއި އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އަދި ލިބިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.