ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަނދުކުރުމަށްފަހު ކިޔަވއިދެމުން ދިޔައީ އޮންލައިން ކޮށާއި ޓީވީ މެދުވެރިކޮށެވެ. ޕީއެސްއެމްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އުފެއްދި ޓެލިކިލާހުން ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކޮންމެ ދުވަހަކު ފިލާވަލުތައް ގެނެސްދެމުން ގެންދެއެވެ. މިކަމަކީ އެތައްބައެއްގެ ބައިވެރިވުން އޮތް މަސައްކަތެއްގެ އިތުރުން ދިވެހި މުދައްރިސުންނަށްވެސް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު މަސައްކަތެކެވެ.
މާލޭގެ ސްކޫލްތަކުގެ މުދައްރސިުންގެ އިތުރަށް އަތޮޅުތަކުގެ މުއްދައްރިސުންވެސް ގެންދިޔައީ ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް އެންމެ ފުރިހަމަގޮތުގައި ނަގައިދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. މިމަސައްކަތަކީ ވަރަށްބުރަ އެހާމެ މުހިންމު މަސައްކަތަކަށްވުމާއެކު އެކަން ފާހަގަކޮށް ޓެލިކިލާސް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަލުތައް ގެނެސްދިނުމަށް ހަރަކާތްތެރިވި މީހުންނާ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޓެލިކިލާސް ގެނެސްދިނުމަށް ހަރަކާތްތެރިވި މީހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެޑިއުކޭޝަން މިނިސްޓރ ވަނީ ގާތްގަނޑަކަށް ތިންމަސް ދުވަހު 95000 އެއްހައި ދަރިވަރުން ފުރަބަންދުގައި ސްކޫލަށް ނުދެވި ގޭގައި ތިބިކަން ފާހަގަކުރައްވާފައެވެ.
ގާތްގަނޑަކަށް 9 މަސް ދުވަހު މާލެ ސަރަހައްދުގެ 26000 އެއްހައި ދަރިވަރުން ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ސްކޫލާ ދުރުގައިތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުރުންދޭ ތަޢުލީމުގެ ނިޒާމުން ދަރިވަރުންނަށް އުނގަންނައިދޭން މުދައްރިސުންނަށް މަޖްބޫރުވިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެ 9 މަސް ދުވަހު ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިންނާއި މިނިސްޓްރީގެ މުވައްޒަފުން އީޖާދީ ވިސްނުންތަކެއް ވިސްނައި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް އައުގޮތްތަކެއް ހޯދަން މަޖުބޫރުވިކަމަށެވެ.
"ފިލާވަޅުތައް ފޯރުކޮށްދިނުމަށް އެންމެ އެދެވޭ ގޮތަކަށްވީ ޓެލިވިޜަން އާއި އިންޓަރނެޓް ބޭނުންކުރުން.
މުދައްރިސުން، ދަރިވަރުންނާ ޖިސްމާނީ ގޮތުން ދުރުގައި ތިބެގެން ކިލާހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށް ވީ ޓެކިކިލާސް" މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢާލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޓެލިކިލާސް އެކި ގޮތްގޮތުން ޚާއްސަވާކަމަށެވެ. މި ކިލާސްތަކުގެ ޒަރީއާއިން އެތަށް ހާސް ދަރިވަރުންތަކަކަށް އެހީތެރިވެވުނުކަމުގެ ހިތްހަމަޖެހުން ލިބުނުކަމަށެވެ. އަދި ޓެލިކިލާސް މެދުވެރިކޮށް ދަރިވަރުން ހެލިފެލިވެ އުޅުމަށް ޕީއީ ސެޝަންތައް ފިލާވަޅުތަކުގައި ހިމެނުމާއި ގެއިން ލިބޭތަކެތި ބޭނުންކޮށްގެން ހެދޭނެ އެކްސްޕެރިމެންޓްތައް މުދައްރިސުން ދަރިވަރުންލައްވައި ހައްދާފައިވާކަމަށެވެ. މީގެ އިތުރުން ސްކޫލަށް ދިއުމުގެ ނަސީބު ނުލިބި ގޭގައިތިބި ބައެއް މީހުންނަށްވެސް ޓެލިކިލާހުގެ ޒަރިއްޔާއިން އުނގެނުމުގެ ފުރުސަތު ހޯދައިދެވުމަކީ ޓެލިކިލާސް ޚާއްސަވާ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޓެލިކިލާސް އަޅުގަނޑުމެންނަށް ޚާއްޞަވީ ދަރިވަރު ސްކޫލު ޔުނިފޯރމުލައިގެން ކިޔެވުމަށް ތައްޔާރުވެގެން ގަޑި ޖެހެންވާ އިރަށް ޓީވީދޮށަށް އަންނާތީ. ޓެލިކިލާސް އަޅުގަނޑުމެންނަށް ޚާއްޞަވީ ދަރިވަރުގެ މުޅި ދުވަސް ފޫހިކަމުގައި ދުއްވާނުލައި ދުވަހީ ތާވަލަކަށް ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ބަހާލުމަށް އެހީތެރިވެދިނީތީ. ޓެލިކިލާސް އަޅުގަނޑުމެންނަށް ޚާއްޞަވީ ހުރިހާ ކޮއްކޮމެން އަކުރު ދަސްކުރަން އާންޓީ ބުނި ތަކެތި ހިފައިގެން ޓީވީ ދޮށުގައި ގަޑިއަށް އިށީންނާތީ."މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ވަނީ ޓެލި ކިލާހުގެ ސަބަބުން މުދައްރިސުންގެ ހުރި ކުޅަދާނަކަމާއި އީޖާދީ ވިސްނުން ފިލާވަޅުތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ފެނިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޓެލިކިލާސް ރެކޯރޑްކުރަން އެންއައިއީގައި ސްޓޫޑިއޯއެއް ގާއިމުކޮށްދެއްވައި ކޮއްކޮމެންގެ ޓެލިކިލާސްގެ ބައެއް ކޮންޓެންޓް ތައްޔާރުކޮށްދެއްވައި މި ޕްރޮގްރާމްގެ ފެންވަރު ރަނގަޅު ކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ޔުނިސެފްގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކޮށް އޮތުމަށްފަހު ސްކޫލްތައް ހުޅުވައި ކިޔަވާދޭން ފަށާފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުގައެވެ. އެހެންނަމަވެސް ފުރަތަަމަ މާލޭ ސަރަހާއްދުގައި ކިޔަވިދެމުން ގެންދިޔައީ މަތީ ގްރޭޑްތަކަށެވެ. އަދި އަތޮޅުތަކުގައި ގްރޭޑް1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭ ވަަރު އިތުރުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް އޮތުމަށްފަހު އޮކްޓޫބަރު މަހު ކިޔަވައިދޭން ފެށިއެވެ. އަދި މިހާތަނަށްވެސް ސްކޫލްއަށް ގޮސްގެން ކިޔަވަނީ ގްރޭޑް 7 މަތީގެ ދަރިވަރުންނެވެ. އެހެންދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ޓެލިކިލާސް އާއި އޮންލައިންކޮށެވެ.