ޚަބަރު

ޒިޔަތަށް ޙުކުމްކުރަން ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރި ޚިޔާނާތުގެ 32 ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ މައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފިއެވެ.

މިމައްސަލައިގައި ޙުލުމުން އިއްވުން މިއަދު 10:30ގައި ބޭއްވުމަށް ތާވަލުކުރިނަމަވެސް ޝަރީއަތުގެ މަޖިލިސް ނުފެށި ގިނައިރުތަކެއްވިފަހުން ކްރިމިނަލްކޯޓުން ވަނީ އެމައްސަލައިގެ ޝަރީއަތް ކެންސަލްވެފައިވާކަން ހާމަކުރައްވާފައެވެ.

ޚިޔާނާތްތެރިވުމުގެ 32 ދައުވާއެއް ޒިޔަތުގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވި މައްސަލައިގައެވެ. މި ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާވަނީ ކްރިމިނަލް ކޯޓުގައި އެންމެ ފަހުންބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައެވެ. ޒިޔަތު މިގޮތަށް އެއްބަސްވެފައިވަނީ ދަޢުލަތާއި އޭނާއާއެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށާއި، އޭގެތެރެއިން އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށްވެސް ޒިޔަތުވަނީ ވިދާޅުވެފައެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލުން ކަނޑައަޅާފައިވަނީ 11 އަހަރަށް ޖަލަށްލުމެެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެންމެ ފަހުން ބޭއްވި މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޒިޔަތުގެ ދިފާއީ ވަކީލު ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށެވެ.

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަސްކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއްބަޔެވެ. އަދި އޭގެފަހަށް އަންނަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމެއްކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.