ވިޔަފާރި

ގެއްލުމުން އަރައިގަތުމަށް 3 އަހަރެއްހާ ދުވަސް ނަގާފާނެ- ގެސްޓްހައުސް އެސޯސިއޭޝަން


ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ކޯވިޑްގެ ކުރިން އޮތް ހާލަތަށް ދިއުމަށް 3 އަހަރެއްހާ ދުވަސް ނަގާފާނެކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކޯވިޑް19 އާއި ގުޅިގެން މާރޗު މަހުގެ 17 ވަނަ ދުވަހު ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރ އިބްރާހިމް ޝިފާއު ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން ގެސްޓްހައުސްތަކަށް ދަތިތަކެއް ދިމާވެފައިވާކަމަށެވެ. އަދި އަލުން ހުޅުވައި ޙިދުމަތް ދިނުމަށްވެސް ބައެއް ގެސްޓްހައުސްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، ކޯވިޑް19ގެ ކުރިން ގެސްޓްހައުސްތައް ހުރި ހިސާބަށް އަލުން ދިއުމަށް ގާތްގަނޑަކަށް 2 އަހަރު ނުވަތަ 3 އަހަރު ނަގާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ގެސްޓްހައުސްތައް ހުޅުވައި ޙިދުމަތްދެމުންއަންނާތީ މިއީ އުންމީދީ މަންޒަރެއްކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ، މިގޮތައް ކުރިއަށްދާނަމަ މި ސިނާއަތް މަޑުމަޑުން ކުރިއަރަމުންދާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުން އިހުހުރި ހިސާބަށްދާން 2 އަހަރު ނުވަތަ 3 އަހަރު ނަގާފާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ސިނާއަތު ހުޅުވައިގެން ކުރިއަށްދާކަމަށްވަންޏާ މަޑުމަޑުން ތެދުވަން ފެށޭނެކަމަށް މިބަލަނީ މިއަންނަ އަހަރު. އެކަމަކު އިހުރުހި ހިސާބަށް އަޅުގަނޑުމެން ދާކަމަށްވަންޏާ 2 އަހަރު ނުވަތަ 3 އަހަރު ނަގާފާނެ. ގެސްޓްހައުސް އެސޯސިއޭޝަނުން އަޅުގަނޑުމެން އެބަ މަސްވަރާކުރަން އެކަމަކު ބޮޑެތި އެންމެ ދަތިވެފަ ހުރި ކަންކަމަށް އަދި މާބޮޑު ކުރިއެރުންތަކެއް ނުލިބި ދަނީ." އިބްރާހިމް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ގިނަ ދުވަސްތަކެއްވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގެސްޓްހައުސްތަކަށް ގެއްލުން ލިބި އަދި އަލުން ގެސްޓްހައުސްތައް ހުޅުވާލުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 24 ރަށެއްގެ 135 ގެސްޓްހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް މިހާރުވެސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތުން ބަލާނަމަ 20 އިންސައްތައެވެ. އަދި މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތަ ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު މުހިންމު ސިނާއަތެކެވެ.