ކުނި އުކުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 30 އިންސައްތަ ގޭބިސީން ބިލު ނުދައްކާކަމަށް ވެމްކޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖަރ، ހައުސްހޯލްޑް ކަލެކްޝަން މުހައްމަދު ޝާން ވިދާޅުވީ މާލޭގެ 35000 ގޭބިސީގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީކޮށްގެން ކުނި އުކަމުން އަންނަނީ ގާތްގަޑަކަށް 15000 ގޭބިސީ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޭބިސީތަކުން ރަޖިސްޓްރީނުކޮށް ކުނިއުކަމުން އަންނަކަމަށާއި އެފަދަ ގޭބިސީތަކުން ކުނި އުކުމަށްޓަކައި ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކުން އުކާ ކުނިތަކާއެކު ކުނި ބަހައްޓަމުންދާކަމަށެވެ.
ޝާން ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިންވެސް 30 އިންސައްތަ ގޭބިސީތަކުން މަހުން މަހަށް ބިލް ނުދައްކާކަމަށެވެ. ޝާން ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ މި ދަނޑިވަޅުގައި ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްތަކާއި ކުނިއުކުމަށް ރަޖިސްޓްރީވާނެގޮތްވެސް މަގުފަހިކޮށްދީފައިވާކަމަށެވެ.
"ރައްޔިތުން ދައްކާ ބިލުތަކުން މުވައްޒަފުންނަށް މުސާރަ ދިނުމާއި ވެހިކަލްތައް ސަރވިސް ކުރުމަށްވެސް ޚަރަދުކުރަން މިޖެހެނީ. ބިލުތައް ނުދައްކާ މީހުންނަށް 2 ފަހަރު ބިލްތައް ދެއްކުމަށް ނަސޭހަތްތެރިވަން. އެސްއެމްއެސްއާއި ގުޅައިގެންވެސް ބިލްތައް ދެއްކުމަށް އިލްތިމާސް ކުރަން. އެއަށްފަހު ޚިދުމަތް މެދުކަނޑާލަނީ." ވެމްކޯގެ މެނޭޖަރ، ހައުސްހޯލްޑް ކަލެކްޝަން މުހައްމަދު ޝާން ވިދާޅުވިއެވެ.
ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުން ކުނި އުކުމަށްޓަކައި މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 150 ރުފިޔާއެވެ. މީގެ އިތުރަށް ވެމްކޯއިން ބޮޑެތި ކުނިތައް އުކައިދެމުން ގެންދާއިރު އެކަމަށް ފައިސާ ދައްކަން ޖެހެނީ ވަގުތުންނެވެ.
ވެމްކޯއިން ދެމުންގެންދާ ޚިދުމަތަށް މަހުން މަހަށް ފައިސާ ނުދެއްކުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީ މިދިޔަ މާރޗު މަހާއި އަޅާބަލާއިރު މިހާރު 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެކުންފުނިން ވަނީ ބުނެއެވެ.
ކޯވިޑް-19ގެ ހާލަތުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ލުއިދިނުމުން ވެމްކޯއިން ކުނިނެގުމަށް ދީފައިވާ އިރުޝާދާއި ޚިލާފަށް ކަސްޓަމަރުން އަމަލުކުރަމުންދާކަން ފާހަގަކުރެވޭކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން ހައުސް ހޯލްޑް ކަލެކްޝަނަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކުނި ނެރެމުންދާކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި ޑަބަލް ޕެކް ނުކޮށް ހުރުމާއި ބޮޑެތި ކުނި ހައުސްހޯލްޑް ކުންޏާއި އެއްކޮށްފައި ހުންނަކަމަށްވެސް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ވެމްކޯއިން ބުނީ މަގުގެ އެކި ތަންތަނުގައި ކުނިއެއްކޮށްފައި ހުރުމުން މަގުމަތި ގޮނޑުވެ ވެށިފާރަވެރިންނަށް އުނދަގޫވާކަމަށެވެ. ކޯވިޑް-19ގެ މިދަނޑިވަޅުގައިވެސް ވެމްކޯއިން އަންނަނީ ކުނި ނަގައިދިނުމުގެ ޚިދުމަތްތަކާއި ރަޖިސްޓްރީނުކުރާ ގޭބިސީތަކުންވެސް ކުނި ނަގައިދެމުންނެވެ.