ކުޅިވަރު

ޔޫއެފާ ޗެމްޕިއަންސް ލީގް: ފަހު މެޗުން މޮޅުވެ މެޑްރިޑް ދެވަނަބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕުގެ ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނުބުރުން ޖާގަހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަން ކަން 13 ފަހަރު ހޯދައިފަވާ މެޑްރިޑް ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ ފަހު މެޗުގައި ބްރޫޝިޔާމޮންޗެންގްލެބެކް އަތުން މޮޅުވެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނުމެޗު މެޑްރިޑުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ފުރަތަމަހާފްގައި ލަނޑުތައް ފެނުނު މެޗުގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ކަރިމް ބެންޒީމާއެވެ. ބެންޒިމާ ޖެހި ދެލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 50 ލަނޑުހަމަކުރި 5ވަނަ ކުޅުންތެރިޔާއަށެވެ.

ރޭގައި ކުޅުނު މެޗާއެކު ބެންޒީމާ ވަނީ މެޑްރިޑަށް 527 މެޗު ހަމަކޮށްފައެވެ. މިއީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް ކުޅެފައިވާ މެޗުގެ އަދަދާ އެއްވަރުގެ އަދެދެކެވެ. މިދެކުޅުންތެރިންނަކީ ސްޕެއިނުން ބޭރު ދެ ކުޅުންތެރިންގެ ތެރެއިން މެޑްރިޑަށް އެންމެ ގިނަ މެޗު ކުޅުނު ދެކުޅުންތެރިންނެވެ. ބެންޒީމާ ވަނީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް މުބާރާތުގައި ބޮލުން ބޯޅަ ޖަހައިގެން 10 ލަނޑު ކާމިޔާބު ކޮށްފައެވެ. ލިސްޓުގައި ބެންޒީމާއަށް ވުރެ ފަހަތުން އުޅެނީ ބަޔާން މިއުނިކްގެ ރޮބާޓް ލެވެންޑޮސްކީ އާއީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުބާރާތުގެ ތާރީހުގައި މިއީ ދެވަނަ ބުރުން މެޑްރިޑް ޖާގަހޯދި 25 ވަނަފަހަރުއެވެ. މެޑްރިޑުން ވަނީ އެންމެފަހުން ވާދަކުރި 7 މުބާރާތުގެ ތެރެއިން 4 ފަހަރު ތަށި ކާމިޔާބުކޮށްފައެވެ. މިނަތީޖާ އެކު މޮންޗެންގްލެބެކް ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން އެޓީމު ވަނީ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މިއީ އެޓީމުން މުބާރާތުގެ ތާރީހުގައި ދެވަނަ ބުރުގައި ވާދަކުރާ ފުރަތަމަފަހަރެވެ.

ރޭ މި ގުރޫޕްގައި ޔުކްރެއިންގެ ޝަހުތަރް ޑޮނެސްކާއި އިޓަލީގެ އިންޓަމިލާން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އިންޓަމިލާން ވަނީގުރޫޕްގެ ފުލައްވެއްޓި މުބާރާތުން ވަކިވެފައެވެ. މިއީ އިންޓަމިލާން ގުރޫޕް ސްޓޭޖް ފަހަނައަޅައި ކުރިޔަށް ނުދެވުނު ވިދިވިދިގެން ތިންވަނަ ފަހަރެވެ. ގުރޫޕްގެ ތިންވަނައާއެކު ޝަހުތަރުން ވަނީ ޔޫރަޕާލީގުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މެޑްރިޑު ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ގޮތުގައި 10 ޕޮއިންޓާއެކުއެވެ.