ކުޅިވަރު

ފަހު މެޗުން ލިވަޕޫލް އެއްވަރުވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ފަހު މެޗުގައި ޑެންމާކްގެ މިޓްޔަލޭންޑާ އެއްވަރުކޮށް ލިވަޕޫލްއިން އެއްވަނައިގަ ގުރޫޕް ސްޓޭޖް މެޗުތައް ނިންމައިލައިފިއެވެ.

މެޗަށް ނުކުތް އިރުވެސް މުބާރާތުގެ ދެވަނަ ބުރު ޔަގީން ކޮށްފައިވާ ލިވަޕޫލް އެއްވަރުވީ މިޓްޔަލޭންޑާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ 55 ވަނަ ސިކުންތުގެ ތެރޭގައި ލިވަޕޫލްގެ މުހަންމަދު ސަލާހު ނެގި ލީޑާއެކު އޭނާ ވެފައިވަނީ މުބާރާތުގައި ލިވަޕޫލުން އެންމެ އަވަހަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިޓްޔަލޭންޑުން ނަތީޖާ ހަމަހަމަކުރީ ދެވަނަހާފްގައި ލިބުނު ޕެނެލްޓީއަކުންނެވެ.

ރޭގައި ސަލާހު ކާމިޔާބުކުރި ލަނޑާއެކު މުބާރާތުގެ ތާރީހުގައި އޭނާ ލިވަޕޫލަށް ޖެހި ލަނޑުގެ އަދަދު ވަނީ 22 އަށް އަރާފައެވެ. މިއީ ލިވަޕޫލްގެ ތާރީހުގައި ރެކޯޑެކެވެ. ކުރިން މި ރެކޯޑް އޮތީ ޓީމުގެ ކުރީގެ ތަރި ސްޓީވަން ޖެރާޑް އަތުގައެވެ. މުބާރާތުގެ ތާރިހުގެ ވެސް  ފުރަތަމަފަހަރަށް ރޭ ލިވަޕޫލުން ނެރުނީ އެޓީމުގެ އެންމެ ޒުވާން ޓީމެވެ. ރޭ ޔާގެން ކުލޮޕް ދަނޑަށް ނެރުނު ލިވަޕޫލްގެ ފުރަތަމަ ޓީމުގެ ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 24 އަހަރެވެ.

ރޭގައި މި ގުރޫޕްގައި ނެދަލޭންޑްގެ އަޔެކްސް 1-0 ލަނޑުން ބަލިކޮށް އިޓަލީގެ އެޓްލާންޓާއިން ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. ލިވަޕޫލްއިން ގުރޫޕްގައި ކުޅުނު ހަ މެޗުން ވަނީ 13 ޕޮއިންޓް ހޯދައިފައެވެ. އެޓީމުން ގުރޫޕް ސްޓޭޖު އެންމެގިނަ ޕޮއިންޓާއެކު ނިންމާލީ 2008 ވަނައަހަރުގެ ސީޒަންގައެވެ. އެފަހަރު ގުރޫޕް ސްޓޭޖުން ލިވަޕޫލް ވަނީ 14 ޕޮއިންޓް ހޯދާފައެވެ.