ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އެޓްލާންޓާ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަޔެކްސްގެ މައްޗަށް ކުރި ހޯދާ އެޓްލާންޓާއިން މުބާރާތުގެ ދެވަނަބުރުން ޖާގަހޯދައިފިއެވެ.

ގުރޫޕްގެ ފަހު މެޗުގައި ރަށުން ބޭރުގައި އެޓްލާންޓާއިން ކުރި ހޯދީ އަޔެކްސްއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެޓްލާންޓާއިން ކާމިޔާބުކުރީ މެޗު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށް ލުއިސް މުރިއެލްއެވެ. މެޗުގައި ދެވަނަހާފްގައި އަޔެކްސްގެ ރަޔާން ރަވަންބާޗަށް ވަނީ ދެ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ ވެގެންގޮސްފަވަނީ މުބާރާތުގައި ރަތްކާޑު ދައްކާ ދަނޑުންފޮނުވާލި ދެވަނައަށް އެންމެ ޒުވާންކުޅުންތެރިޔާއަށެވެ.

އެޓްލާންޓާއިން މުބާރާތުގެ ދެވަނަބުރުން ޖާގައި ހޯދީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ. މިގުރޫޕުން ދެވަނަ ބުރުން ދެން ޖާގަހޯދީ ލިވަޕޫލެވެ. އެޓްލާންޓާއިން މިދިޔަ ސީޒަންގައި މުބާރާތުގައި ވާދަކޮށް ވަނީ ކުއާޓަރ ފައިނަލާހަމަޔަށް ދަތުރުކޮށްފައެވެ.