ޚަބަރު

ސަރުކާރުން ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލާފައި: ޝާހިދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައްވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވިދާޅުވެއްޖެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020"ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާބެހޭ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމަޢުތައް ގުޅުވާލަދީ ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ކޯވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށް މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ. 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި، މިއަދު މި ހައްޤުގެ ދިފާޢުގައި އަޅުގަނޑުމެން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމަޢުއަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުންކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފައެވެ.