ޚަބަރު

ކުނި އުކުމުގެ މަސައްކަތުގައި %80 ދިވެހިން


ކުންޏަކީ އަޅުގަނޑުމެން އަމިއްލައަށް އުފައްދާ އެއްޗަކަށްވިނަމަވެސް ކުނި އުކާލަންދިއުމަކީ ދިވެހިން މާ ކުރާހިތްވާ މަސައްކަތެއް ނޫނެވެ. ޚާއްސަކޮށް މާލެގައި ދިރިއުޅޭ މީހުންނަށް ކުނި އުކުމަކީ އުނދަގޫ އަދި ދަތިކަމަކަށް ވެފައި އޮންނަ އިރު ކުނި އުކުމުގެ މަސައްކަތަކަކީ ހަޑި މަސައްކަތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.

ދިވެހިން އަމިއްލައަށް މި މަސައްކަތް ކުރަން ނުކެރުމުގެ ނަތީޖާއަކަށްވީ ބިދޭސީންގެ އަތްމައްޗަށް މި މަސައްކަތް ދޫވެގެން ދިއުމެވެ. އެއާއެކު ބިދޭސީން ބައިސްކަލުތަކުގައި ނުކަތާވަރަށް ކުނި ކޮތަޅުތައް އެލުވައިގެން ކުނި އުކަން ފެށިއެވެ. އެއްވެސް ހަމައެއް އުޞޫލެއް ނެތި މި މަސައްކަތްތައް ކުރަމުން ދިޔައިރު މާލޭގެ މަގުތަކުގައި އެކި ހިސާބުތަކަށް ކުނި އެޅިފައި ހުރެއެވެ. އެއާއެކު މަގުތައް ހަޑިވެ ދުއްވާ މީހުންނަށާއި ޚާއްސަކޮށް ހިނގާ އުޅޭ މީހުންނަށް އެކަމުގެ ސަބަބުން ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ. އެތައް އަހަރުތަކެއް ވަންދެން ބިދޭސީން ކުރަމުން އައި މި މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ވުޖޫދަށް އައުމުންވަނީ ނިމުމަކަށް އައިސްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯއިން ފެށި މަސައްކަތުގެ ތެރޭން ބައިސްކަލުތަކުގައި ކުނި އުކާ އުކުން ނިމުމަކަށް ގެނެސް މަގުމައްޗަށް ކުނި ނޭޅި ރައްކާތެރިކަމާއެކު އެކަމަށް ޚާއްސަ އުޅަނދުތަކެއްގައި ކުނި އުކުމުގެ މަސައްކަތްތައް ފެށިއެވެ. އަދި ހަމައެހެންމެ ކުނި ނެގުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް ކުނި ނެގުމަށްޓަކައި ވެމްކޯގެ މުވައްޒަފުން ދާން ފެށިއެވެ.

ކުނި އުކުމަކީ ހަޑި މަސައްކަތަކަށް ވެފައި އޮތްއޮތުންވެސް ވެމްކޯއާއެކު މިވަނީ ބަދަލުވެގެންގޮސްފައެވެ. ވެމްކޯގައި ކުނި އުކުމުގެ މަސައްކަތުގައި މިހާރު ގިނައިން އުޅެނީވެސް ދިވެހިން ކަން ފާހަގަކޮށްލަން ޖެހެއެވެ. ގޭގެއިން ކުނި ނެގުމުގައާއި މާލޭގެ މަގުތައް ސާފުކުރުމުން ފެށިގެން ކުނި ނައްތާލަން ދާ މީހުންގެ ތެރޭގައިވެސް ނިސްބަތުން ދިވެހިންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވެމްކޯގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެށިފާރަ މަސައްކަތް ކުރުމަށްޓަކައި 80 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ދިވެހިންކަން އެކޯޕަރޭޝަނުން ހާމަކުރެއެވެ. އާއްމުގޮތެއްގައި އަންހެނުން މަގުތަކަށް ނުކުމެ މަގުތައް ސާފުކުރުން ނުވަތަ ކުނިކަހާ މަންޒަރުތައް ފެންނާނީ ރާއްޖޭގެ ރަށްތަކުންނެވެ. އެހެންނަމަވެސް ވެމްކޯއާއެކު މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ރެއަކު ހީވާގި ކަނބަލުން ނުކުމެ އެ މަސައްކަތް ކުރަމުންދެއެވެ. މިކަމުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ އެ މަސައްކަތުގައިވެސް ފަހަކަށް އައިސް ޒުވާން އަންހެނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން މުޙައްމަދު ޝާން ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ވެމްކޯގެ މަސައްކަތަށް އެދެމުން އަންނަކަމަށެވެ. މިވަގުތު ތިބި މީހުންވެސް ވަރަށް ކުރާހިތުން މަސައްކަތް ކުރަމުންއަންނަކަމަށާއި ވެށިފާރަވެރިންގެ ގޮތުގައި ތިބި މީހުން ގަޑިއަށްވުރެ ކުރިން މަސައްކަތަށް ނުކުންނަކަމަށް އޭނާ ވިދާޅުވިއެވެ. ޝާން ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ކިޔާދީ ތަމްރީންވެސް ކޮށްފައިވާކަމަށެވެ.

"އެމީހުންގެ މަސައްކަތްވެސް ވަރަށް ތަރުތީބުން ދަނީ. މަސައްކަތުގެ ފޯރިވެސް އެހާ ގަދަ. މަސައްކަތަށް އަންނަން ބޭނުންވާ މީހުންގެ އަދަދަދުވެސް މަޑުމަޑުން އިތުރުވަމުން އެބަދޭ. ނަމަވެސް މިދަނޑިވަޅުގައި ކެޕޭސީޓީ ނެތީމަ ނެގޭކަށް ނެތް." ވެމްކޯގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން މުޙައްމަދު ޝާން ވިދާޅުވިއެވެ.

ކުނި ނެގުމުގެ މަސައްކަތުގައި ދިވެހިން ހަރާކާތްތެރިވަމުން އަންނައިރު ގޭބިސީތަކުން ކުނި ބަންދުކުރުމުގައިވެސް ކަނޑައެޅިފައިވާ ގޮތަށް އަމަލު ކުރުމަކީ މުހިއްމުކަމަށެވެ. އަދި ކުނި ބަލާ ދާ މީހުންނަށް އިޙްތިރާމް ކުރުމަކީ އަދި މާ މުހިއްމު ކަމެކެވެ. އެމީހުންނަކީ ކެއިން ބުއިމަށާއި އާއިލާ ބެލެހެއްޓުމަށްޓަކައި ރެއާ ދުވާލު ދާ އޮހުރުވައިގެން އެހެންމީހުންނެކޭވެސް އެއްގޮތަށް މަސައްކަތް ކުރާ ބަޔެކެވެ. މޭޒު ދޮށުގައި ޓައީ އަޅައިގެން މަސައްކަތް ނުކުރިނަމަވެސް އެ ކުރަނީވެސް ދިވެހި ރައްޔިތުންނަށާއި ޤައުމަށް ކޮށްދޭ މަސައްކަތެކެވެ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ.